ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒަށް ކާމިޔާބު ނުކުރެވޭނެ އެއްވެސް "މިޝަނެއް" ނެތް ކަމަށް ބުނުމަކީ ކުށަކަށް ނުވާނެ އެވެ. އުސް ފަރުބަދަތަކުން ފުންމާލުމުން ފެށިގެން، ދުވަމުންދާ ރޭލުތަކުގެ މަތީގައި ކުރާ ނުރައްކާތެރި ހަނގުރާމަތަކުގެ މަންޒަރުތަކަކީ އޭނާ އެއްވެސް ޖެހިލުމެއްނެތި ކުޅެމުން އަންނަ މަންޒަރުތަކެކެވެ. އެގޮތުން، އެންމެ ފަހުން ނޯވޭގައި ދަތުރުކުރަމުންދިޔަ ރޭލެއްގެ މަތީގައި އޭނާ ވަރަށް ހަމަޖެހިލައިގެން އިން މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

އެކްސް ގައި އާންމުކޮށްފައިވާ މި ވީޑިއޯއިން ފެންނަނީ ނޯވޭގެ "ގްރޭންޑް އެކްސްޕްރެސް" ރޭލުގެ މަތީގައި ޓޮމް ކްރޫޒް ވަރަށް އާދައިގެ ގޮތަކަށް އިށީނދެގެން އިންނަ މަންޒަރެވެ. އޭނާގެ ފަހަތުން ފިލްމުގެ ކްރޫ މެންބަރުން ކުރިއަށް އޮތް މަންޒަރަށް ތައްޔާރުވަމުންދާ ތަން ވެސް ފެނެ އެވެ. މިއީ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ފިލްމެއްގެ މަންޒަރުތައް ނެގުމުގެ ތެރެއިން ފެނިގެންދިޔަ "ބިހައިންޑް ދަ ސީން"ގެ ވަގުތުކޮޅެކެވެ.

މި ވީޑިއޯ ނެގި މީހާ ޓޮމް ކްރޫޒަށް "ހައި" އޭ ބުނެ ގޮވާލާ އަޑު އިވެ އެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއީ ކާކުކަން އެނގުމުން، ޓޮމް ކްރޫޒް ވަނީ ހިނިތުންވުމާއެކު އަތް ހޫރުވާލާފަ އެވެ.

ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑިއޯއާއެކު، ސަޕޯޓަރުންގެ މެދުގައި ވަނީ ސަލާމަތީ ފިޔަވަޅުތަކާ މެދު ބޮޑު ބަހުސެއް އުފެދިފަ އެވެ.

މީސްމީޑިއާ ބޭނުންކުރާ ބައެއް މީހުން ވަނީ، އެއްވެސް ސަލާމަތީ ފިޔަވަޅެއް ފެންނަން ނެތި، އެހާ ފަރުވާކުޑަ ގޮތަކަށް އެފަދަ ނުރައްކާތެރި ކަމެއް ކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، އެހެން މީހަކު ވަނީ އޭނާގެ ފައި ކައިރިއަށް ރަނގަޅަށް ބަލާލުމުން އޭނާ ހުރީ ސަލާމަތީ ވާގަނޑު ބޭނުންކޮށްގެންކަން އެނގޭނެ ކަމަށާއި، ރޭލުގެ މަތިން ފެންނަ ކަޅު ރޮނގަކީ އޭނާ ހިފަހައްޓާފައިވާ ވަޔަރުތަކެއް ކަމަށް ބުނެދީފަ އެވެ.

އުމުރުން 63 އަހަރުގެ މި އެކްޓަރުގެ ފިލްމުތަކުން ފެންނަ ހައިރާންކުރުވަނިވި ނުރައްކާތެރި މަންޒަރުތަކަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. މިއީ މިޝަން އިމްޕޮސިބަލް ފްރެންޗައިޒްގެ އާ ފިލްމުތަކަށް އިންތިޒާރުކުރާ ފަރާތްތަކަށް ލިބުނު އިތުރު ފޯރިއެކެވެ.