ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު ޝަމާހު ރަޝީދު މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު އެވެ.

މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު އަދި އައްޔަނެއް ނުކުރެވެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކަރަންޓު ކުންފުނީގެ އެންމެ އިސް މަގާމަށް ކަޅިއަޅާ ފަރާތްތަކުގެ ތެރޭގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލާއި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވެސް ހިމެނެ އެވެ.

އާރްއޭސީއެލްގެ އެމްޑީ މުބީން

ރައީސްގެ ދަރިކަލުން ކުޅުއްވާ ނިއުރޭޑިއަންޓް ވެސް ހިންގަވާ މުބީން އެ މަގާމަށް އައުމަށް ބޭނުންވާ އެއް ސަބަބަކީ ނިއުރޭޑިއަންޓް ހިންގުމަށް ފައިސާ ހޯދުން ކަމަށް ބުނެވެ އެވެ. އެކަމަކު މަތިފަޑިއަށް މުބީންގެ މައްޗަށް އިތުބާރު އޮތް މިންވަރު ކުޑަވުމާއި އެ މަގާމު އަދާކުރެވިދާނެ ކަމާމެދު އޮތް ޝައްކުގެ ފައިދާ އެންމެ ރަނގަޅަށް ނެގެން އޮތް ބޭފުޅަކީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ އެވެ. އެންމެ ގާތްކުރާ މަންޒަރަކީ މުޖުތަބާ ސްޓެލްކޯއަށް ގެންގޮސް މުބީން ވެމްކޯއަށް ލުމެވެ.

ރައީސް މުއިއްޒާއި ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް

މި ކަންކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ ނުރުހުން އޮތް މިންވަރު ކުޑައެއް ނޫނެވެ. މިހާރު ރައީސް އޮފީހުގެ ޕޮލިސީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ފަހުމީއަށް އަނބުރާ ނުދެވޭނަމަ މިހާރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އަޒުވަރު އެ މަގާމަށް ގެނައުމަށް ފަހުމީ އިންތިހާއަށް ބޭނުންވެ އެވެ.

ފަހުމީގެ މައްޗަށް އޮތް ކޮރަޕްޝަނުގެ ތުހުމަތުތައް ސާފުކޮށްލެވޭނެ ގާބިލު ބޭފުޅަކީ އަޒުވަރު ކަމަށް ފަހުމީ ގަބޫލުކުރައްވަ އެވެ. ސްޓެލްކޯ ހިންގާނެ އިސްވެރިއަކު ނުލެވިގެން މިއުޅެނީ މި ސަބަބާ ހެދިކަމަށް ވުން ވަރަށް ގާތެވެ.