ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅޭގޮތުން އާންމުކުރި ފައިލްތަކުގައި ހިމެނޭ، 1990 ގެ އަހަރުތަކުގައި ހިނގާފައިވާ ކަމަށް ބުނާ އިންސާނީ ވަގުފާރި އާއި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ހިއްސާކުރުމަށް އިނގިރޭސި ވިލާތުގެ ފުލުހުން އެދިއްޖެ އެވެ.
އެ ގައުމުގެ ފުލުހުން ބުނި ގޮތުގައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މިދިޔަ ޑިސެމްބަރު މަހު އާންމުކުރި ރިޕޯޓެއްގައިވާ މި ތުހުމަތުތަކަކީ 1994 އާއި 1996 އާ ދެމެދު ވާޖިނިއާ ވޯޓާ ސަރަހައްދުގައި ހިނގާފައިވާ ކަމަށް ބުނާ ހާދިސާތަކެކެވެ. ފުލުހުން ހެކި ހޯދުމަށް މި ގޮވާލީ ޖުލައި 2020 ގައި އެފްބީއައި އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ހުރި މައުލޫމާތުތަކަކާ ގުޅިގެންނެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އެންޑްރޫ މައުންޓް ބެޓަން- ވިންޑްސާ އަދި ކުށް ސާބިތުވެފައިވާ އިންސާނީ ވަގުފާރިވެރިޔާ ޖިސްލޭން މެކްސްވެލް، 1990 ގެ މެދުތެރޭގައި ސަރޭގައި ޖިންސީ ގޯނާގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ނަން ހާމަނުކުރާ ފަރާތަކުން ދީފައިވާ މި މައުލޫމާތުގައި ބުނެފައި ވަނީ އަންހެނަކު މޭޒެއްގެ މަތީގައި ބަނދެފައި ބާއްވައިގެން މެކްސްވެލް އޭނާއަށް ކަރަންޓު ޝޮކް ދީ އަނިޔާކުރި ކަމަށެވެ. އަދި މި މަންޒަރު ރެކޯޑްކުރީގެ އަމީރު އެންޑްރޫ އާއި އެހެން ފިރިހެނުން ބަލަން ތިބެ ކަމަށް ވެސް އެ ތުހުމަތުގައިވެ އެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި، އެ އިދާރާގެ ރެކޯޑްތައް ބެލި ބެލުމުން މިފަދަ މައްސަލައެއް މީގެ ކުރިން ރިޕޯޓުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. އެހެންކަމުން، މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާވނަމަ ހިއްސާކުރުމަށް އިނގިރޭސި ފުލުހުން ވަނީ އެދިފަ އެވެ.
"އިޖުތިމާއީ އަދާލަތަކީ ހަމަހަމަ މުޖުތަމައަކަށް މަގުދައްކާ އަސާސް"
ޓްރަމްޕްގެ ވީޑިއޯ ހުރިކަމަށް ބުނެ އިރާންގެ ހެކަރުންގެ އިންޒާރެއް