ޗާގޯސްގެ ރަށެއްގައި ތިބި ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ރަށަށް ދިއުން ރާއްޖެ މެދުވެރިކޮށް އިނގިރޭސި ސަރުކާރުން ހުރަސްއަޅަމުންދާކަމަށް، އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ތުހުމަތުކުރައްވައިފި އެވެ.
ފަރާޖް ރާއްޖެ ވަޑައިގަތީ، ޗާގޯސްގެ ފަޅު ރަށެއް ކަމަށްވާ އީލް ޑު ކޮއިންގައި ވަޒަންވެރިވުމަށް މަސައްކަތްކުރަމުންދާ އެ ސަރަހައްދުގެ ހަތަރު މީހަކަށް ބޭނުންވާ ސާމާނު ހިފައިގެންނެވެ. އޭނާ ވަނީ ރާއްޖެއިން ދެކުނަށް ގާތްގަނޑަކަށް 300 މޭލު ދުރުގައި އޮންނަ މި ރަށަށް، ކާބޯތަކެއްޗާއި ބޭސް ހިފައިގެންދާ ބޯޓެއް ފޮނުވުމުގެ މަސައްކަތް ކޮށްފަ އެވެ.
ނަމަވެސް، "ދަ ޓެލެގްރާފް" ނޫހުން ރިޕޯޓްކުރާ ގޮތުގައި، މި ދަތުރުގައި ފަރާޖް ބައިވެރިވެވަޑައެއް ނުގަންނަވާނެ އެވެ. އެއީ އެކި ބާވަތުގެ އިންޒާރުތަކާއި، ބޯޓަށް ދިމާވި ފަންނީ މައްސަލަތަކުގެ އިތުރުން، ބޯޓުގައި ހުންނަންވާނީ ހަމައެކަނި ތަމްރީނު ލިބިފައިވާ ފަޅުވެރިން ކަމަށް އިނގިރޭސި އިދާރާތަކުން އެންގުމާއި ގުޅިގެންނެވެ. އެހެންކަމުން، އޭނާ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާއިރު، ބޯޓު ޗާގޯސްއަށް ދަތުރުކުރާނީ އޭނާއާ ނުލައެވެ.
ފަރާޖް ވިދާޅުވި ގޮތުގައި، އިނގިރޭސި އިދާރާތަކުން އޭނާ ޗާގޯސް އަށް އެރުން ހުއްޓުވަން ބޭނުންވާކަމުގެ މައުލޫމާތު، ދިވެހި ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް ވަނީ ދީފަ އެވެ.
"އަޅުގަނޑު ޗާގޯސްގެ ރަށްތަކަށް ދިޔުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ވަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައި،" ފަރާޖް ވިދާޅުވި އެވެ.
"އަޅުގަނޑު މިތަނުން ފުރައިގެން ބޯޓަށް އެރުން ހުއްޓުވުމަށް އެމީހުން ވަނީ ދިވެހި ސަރުކާރުގައި އެދިފައި. މިއީ ދިވެހި ސަރުކާރުގެ އިސް ފަރާތަކުން އަޅުގަނޑަށް ދިން މައުލޫމާތެއް. އިނގިރޭސި ރައްޔިތަކު އިނގިރޭސި ސަރަހައްދަކަށް ދިޔުން ހުއްޓުވަން މިފަދަ މަސައްކަތެއް ކޮށްފާނެ ކަމަށް ގަބޫލުކުރަން ދަތި. އަޅުގަނޑު މިތަނަށް އައީ ކީއްކުރަންތޯ ބެލުމަށް އިނގިރޭސިވިލާތުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބުނު." ފަރާޖް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިޝަނެއް ކަމަށާއި، އޭނާގެ ސަބަބުން އެ މަސައްކަތަށް އެއްވެސް ނުރައްކަލެއް ކުރިމަތިވާން ބޭނުންނުވާ ކަމަށެވެ.
ފޯޅަވަހީގެ ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށްޓަކައި، 1960 އާއި 1970 ގެ އަހަރުތަކުގައި އެތަނުން ގާތްގަނޑަކަށް 2,000 މީހުން ވަނީ މަޖުބޫރުން ބޭރުކޮށްލާފަ އެވެ. މިހާރު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި މި ރަށްތައް އޮތް ނަމަވެސް، މިދިޔަ އަހަރު ވަނީ އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އީލް ޑު ކޮއިންގައި ތިބި ޗާގޯސްގެ ރަށްވެހިން ބޭރުކުރުމަށް އިނގިރޭސި ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އެ މީހުންގެ އަތުން ކާބޯތަކެތި ހުސްވަމުންދާތީ އެ މީހުންގެ ސިއްހީ ހާލަތާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ރޯދައިގެ ސުވާލާއި ޖަވާބު: އިންސިއުލިން ޖެހުމުން ރޯދަ ގެއްލޭނެތަ؟
އެޕާޓްމަންޓެއްގައި ރޯވެ ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ޝެއިޙު ފަރީފުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި