ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރު ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމު ހިއްސާދާރުންނަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

ޕަބްލިކް ޑިރެކްޓަރުގެ މަގާމަކީ، މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވޭ، އާންމު ހިއްސާދާރުން ތަމްސީލުކުރާ ފަރާތެވެ. މި މަގާމަށް ހޮވޭ ފަރާތެއްގެ ދައުރަކީ، އެ ފަރާތެއް އިންތިހާބުކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.

މި އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގުގެ 37ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

ޝަރުތުހަމަވާ އާންމު ހިއްސާދާރުން "ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމު" އާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގު ހެޑް އޮފީސް އަށް ކޮމްޕެނީ ސެކްރެޓަރީ އަށް އެޑްރެސްކޮށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް، އަންނަ މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުމަށް އެ ކުންފުނިން އެދެ އެވެ.

އެޕްލިކޭޝަން ފޯމު ދިރާގުގެ އޭޖީއެމް ޕޭޖުން ނުވަތަ ދިރާގު ހެޑް އޮފީހުން ލިބެން ހުންނާނެ އެވެ.

ހުށަހަޅާ އެޕްލިކޭޝަންތައް ވަކި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބޯޑުގެ އާރްއެންޖީ ކޮމިޓީންނެވެ. މި ގޮތުން، ޝޯޓްލިސްޓްކުރުމަށްޓަކައި މަގާމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއަށްފަހު، ކޮމިޓީން ނިންމާ ނަންތައް ބޯޑުގެ ހުއްދައާއެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައި، ވޯޓަށް ހުށަހެޅޭނެ އެވެ. މި މަގާމަށް ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ، ނުވަތަ އޮންލައިންކޮށް ބައިވެރިވާ، ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށެވެ.

ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރެއް ތަމްސީލުކުރާ ފަރާތަކަށް ވެސް ވޯޓު ދެވޭނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުންނެވެ.

ދިރާގަކީ މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ކުންފުންޏަކަށް ވާތީ، ޝަރުތުހަމަވާ އަންހެން ހިއްސާދާރުން މި މަގާމަށް ކުރިމަތިލުމަށް ބާރުއަޅައި ހިތްވަރުދެ އެވެ.