އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފި އެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި މި ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ރިޕޯޓްތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. ބީއެމްއެލް އިން ބުނީ ކާޑުގެ މުއާމަލާތްތައް ފެއިލްވަނީ ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް މުއާމަލާތްކުރުމަށް މަސައްކަތްކުރުމުން ކަމަށެވެ.

މަގުބޫލު ޝޮޕިން ސައިޓުތަކެއް ބްލޮކް ކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނު ނަމަވެސް، ބޭންކުން ސާފުކޮށްދިނީ އެ ބޭންކުގެ ކާޑުގެ މުއާމަލާތްތައް ރިޖެކްޓްވަނީ ސައިޓް ބްލޮކްކޮށްފައިވާތީ ނޫން ކަމަށާއި މުއާމަލާތް ރިޖެކްޓްވާ މައިގަނޑު ސަބަބަކީ، އާންމުގޮތެއްގައި ކަސްޓަމަރަށް މަހެއްގެ މައްޗަށް ދީފައިވާ ފޮރިން ޓްރާންސެކްޝަން ލިމިޓް ހަމަވެފައިވުމެވެ. ބެންކުން ވަނީ އެމޭޒަން އަދި އަލީ އެކްސްޕްރެސްގައި ކަސްޓަމަރުން މިދިޔަ ޖަނަވަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް، މި ދެސައިޓްގައި ކަސްޓަމަރުން މުއާމަލާތް ހިންގާފައިވާ އަދަދުގެ ތަފާސް ހިސާބެއްވެސް ހާމަކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ ޖެނުއަރީ އެކަކުން ފެބުރުވަރީ 21 ގެ ނިޔަލަށް ހަމައެކަނި އެމޭޒަން އަދި އަލީއެކްސްޕްރެސްގައި 58،000 މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެއީ 2.33 މިލިއަން ޑޮލަރެވެ.

ކަސްޓަމަރުން ކާޑުން ކުރަމުންދާ މުއާމަލާތްތަކަށް ބަލާއިރު، ބީއެމްއެލް އަށް ފާހަގަކުރެވިފައިވާ ގޮތުގައި، އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން ދަނީ އިތުރުވަމުންނެވެ. އަދި ކަސްޓަމަރު ބަޔާށްކޮށްފައިވާ އާމްދަނީއަށްވުރެ ބޮޑު އަދަދުތަކެއްގެ މުއާމަލާތްތައް ކާޑުން ކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ފާހަގަކުރެވިފައިވެ އެވެ.

ވިޔަފާރި ބޭނުންތަކަށް، މުދާ ގަތުމަށް ބެންކުން އިލްތިމާސްކުރަނީ ބޭންކުގެ ބިޒްނަސް ބޭންކިންގ ސޮލިއުޝަންތައް ބޭނުންކުރުމަށެވެ. މި ޚިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ހިދުމަތްތަކެކެވެ.

ކަސްޓަމަރުންނަށް ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން އޮތް މިންވަރު ހާމަކޮށްދެނީ ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކެވެ. މި ހިސާބުތަކުން ދައްކާގޮތުގައި ބޭންކުން ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ މިލިއަން ޑޮލަރު ކާޑުން ކުރާ މުއާމަލާތްތަކަށް ހަމަޖައްސައިދެ އެވެ.

ބީއެމްއެލް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކޮށްފައިވާ ގޮތުގެ ތަފްސީލް

އޭޓީއެމް، އީކޮމާސް އަދި ޕީއޯއެސް މެޝިނުން 2023 އަހަރު 311 މިލިއަން ޑޮލަރު، 2024 އަހަރު 389 މިލިއަން ޑޮލަރު، 2025 އަހަރު 524 މިލިއަން ޑޮލަރު އަދި މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް 59 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފައިވެ އެވެ.

މި އަދަދުތަކުގެ ގާތްގަނޑަކަށް 3/2 ނުވަތަ %66 މުއާމަލާތްތަކަކީ އީކޮމާސް ވެބްސައިޓްތަކުގައި ކޮށްފައިވާ މުއާމަލާތްތައް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުގެ އޮފިޝަލް އިތުރަށް ވިދާޅުވީ އާންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކަސްޓަމަރުން ދަތުރުކުރައްވާއިރު އެއާލައިން ޓިކެޓަށާއި ހޮޓެލަށާއި އަދި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ހަމަޖައްސައިދެވިފައިވާ ކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑު ނުވަތަ އެކައުންޓް ވިޔަފާރީގެ އުސޫލުން ބޮޑެތި އަދަދުތަކުން މުއާމަލާތްކުރާ ހާލަތުގައި، ލިމިޓް ހަމަވެގެން މުއާމަލާތް ފުރިހަމަ ނުކުރެވި، ދަތިތަކާ ކުރިމަތި ވެދާނެކަމަށްވެސް ބޭންކުގެ އޮފިޝަލް ހާމަކުރެއްވި އެވެ.

ބީއެމްއެލް އިން ވަނީ 1 ފެބުރުވަރީ 2026 އިން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައް އިތުރުކޮށްފައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމަޔަށް ލިމިޓް ދެމުންނެވެ. އަދި ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއްދީފައިވެ އެވެ.