ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުން މަދުވެ، އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަޝިޕް ފޯމުތައް ޕްރޮސެސްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގައި މިވަގުތު ތިބީ 52،952 މެމްބަރުންނެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި 53،748 މެމްބަރުން ތިބިއިރު، މި އަހަރު އެމްޑީޕީން 796 މެމްބަރުން ވަނީ ވަކިވެފައެވެ.

ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕީޕީއެމްގައި 37،144 މެމްބަރުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 36،054 މެމްބަރުންނެވެ. މި އަހަރު އެ ޕާޓީއަށް 1090 މެމްބަރުން ވަނީ އިތުރަށް ސޮއިކޮށްފައެވެ.

ޕީޕީއެމް އާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގައި 4004 މެމްބަރުން ތިބި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގައި 12،128 މެންބަރުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިވަގުތު އެ ޕާޓީގައި 13،825 މީހުން ތިބިއިރު، މި އަހަރު 1697 މީހުން ވަނީ އިތުރަށް އެ ޕާޓީއަށް ސޮއިކޮށްފައެވެ.

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 3023 އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭގައި 8178 މެމްބަރުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އަދާލަތު ޕާޓީގައި 6640 މެމްބަރުން ތިބިއިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) ގައި 3171 މެމްބަރުން އެބަތިއްބެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީގައި 2902 މެމްބަރުން ތިބިއިރު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 2881 އެވެ.