އެމެރިކާ އަލުން ހަރަކާތްތެރިވާން ފަށައިފި ކަމަށާއި ކުރިމަގުގައި އެ ގައުމަށް އޮތީ ފަހި މުސްތަގްބަލެއް ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރަށް 100 ދުވަސް ފުރުމުގެ މުނާސަބަތުގައި ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު އެ ގައުމުގެ ކޮންގްރެސްގައި ގައި އިއްވެވި ރިޔާސީ ބަޔާނުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތީ އެކި ގޮތްގޮތުން ކާރިސާއެއްގެ ހާލަތުގައިކަން ފާހަގަ ކުރައްވައި ބައިޑަން ވިދާޅުވީ މިއީ މިފަހުގެ ތާރީހުގައި އެމެރިކާއަށް ކުރިމަތިވި އެންމެ ދަތި ދުވަސްވަރު ކަމަށެވެ.

ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް އޮތް ތަނުގައި އެ ގައުމަށް އޮތީ ފާގަތި ކުރިމަގެއް ކަމަށް ބައިޑެން ވިދާޅުވި އެވެ.

"މިއީ މިދިޔަ 100 އަހަރުގެ ތެރޭގައި އެމެރިކާގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ބަލި މަޑުކަން. މިއީ މިހާތަނަށް އިގްތިސާދު މިހާ ބޮޑު ފުންވަޅުގަނޑަކަށް ވެއްޓުނު ފުރަތަމަ ފަހަރު،" ބައިޑެން ވިދާޅުވި އެވެ.

މި ވާހަކަފުޅުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ނުސީދާ ބަހުގެ ހަމަލާތަކެއް ބައިޑަން ވަނީ އަމާޒުކުރައްވައިފަ އެވެ.

މީގެ އިތުރަށް ބައިޑަންގެ ވާހަކަފުޅުގައި އީރާނުގެ ނިއުކްލިއާ މައްސަލަ އާއި އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ވާހަކަދެއްކެވި އެވެ.