މި ރަމަޟާން މަހާ ގުޅިގެން، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ދިރާގުން ވަނީ ހާއްސަ ދެ ހަރަކާތެއް އިއުލާންކޮށްފި އެވެ.

ދިރާގުޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ދިރާގުން ބުނިގޮތުގައި "މީލް ޕެކް" ހަދިޔާކުރުމުގެ ހަރަކާތަކީ "މިޝަން ފޯ މައިގްރަންޓް ވޯކަރސް މޯލްޑިވްސް" އާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުމުގެ ކެއުން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1،000 މީލް ޕެކް މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއަށް ހަދިޔާކޮށްފަ އެވެ. އަދި ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށް، އެޕް މެދުވެރިކޮށް 60 ރުފިޔާއަށް މީލްޕެކެއް ހަދިޔާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިރާގުން ވަނީ "މަމްސް އެއިޑް" އާ ގުޅިގެން އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް ރޯދަމަހަށް ހާއްސަ ކެއަރ ބާސްކެޓެއް ފޯރުކޮށްދީފަ އެވެ. މި ކެއާ ބާސްކެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށެވެ.

ދިރާގުން ބުނިގޮތުގައި މި ކެއާ ބާސްކެޓްގައި ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭނެ އެވެ. މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނަށް ކެއާ ބާސްކެޓްއެއް 1،200 ރުފިޔާއަށް ނުވަތަ ބޭނުން ކޮންމެ އަދަދެއްވެސް ހަދިޔާ ކުރުމުގެ ފުރުސަތު ދިރާގުޕޭ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުޕޭ އެޕްލިކޭޝަނުގެ "ފީޗާޑް ސާވިސްއަށް" ފިތާލުމުން، ޑޮނޭޓް ކުރަން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު ފައިސާ ހަދިޔާކުރެވޭނެ އެވެ. މިގޮތުން ޑޮނޭޓްކުރާ އަދަދުތައް ސީދާ އެ ޖަމިއްޔާތަކުގެ އެކައުންޓްއަށް ޖަމާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުޕޭގެ މައިގަނޑު މަގުސަދަކީ މި ބަރަކާތްތެރި ރަމަޟާން މަހު، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.