ބަލި މީހަކު ގޮވައިގެން އިންޑިއާގެ ރާންޗީން ފުރައިގެން ނިއުދިއްލީއަށް ދަތުރުކުރި އެއާ އެމްބިއުލާންސެއް، ވެއްޓި އޭގެން ދަތުރުކުރި ހަތް މީހުންވެސް މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ދެ ޕައިލެޓުންނާއި، މެޑިކަލް ސްޓާފުންގެ އިތުރުން އިތުރު ފަރުވާއަށް ދިއްލީއަށް ގެންދިޔަ ބަލިމީހާ އެވެ.
ރެޑްބާޑް އެއާވޭސް ޕްރައިވެޓް ލިމިޓެޑުގެ އެ ބޯޓު ރާންޗީ އެއާޕޯޓުން ފުރީ ރޭ 7:11 ހާއިރު އެވެ. އޭގެފަހުން މޫސުން ގޯސްވުމުގެ ސަބަބުން މިސްރާބު ބަދަލުކުރަން ބޭނުންވެގެން އެދުނު ކަމަށާއި އޭގެ 23 މިނިޓް ފަހުން އެއާ ޓްރެފިކް ރާޑަރާ ކޮންޓެކްޓް ކެނޑިފައިވާކަމަށް ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުންޏެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ބޯޓު ވެއްޓިފައިވަނީ ޗަޓްރާ ޑިސްޓްރިކްޓްގެ ވަލުތެރޭ ސަރަހައްދަކަށެވެ. އެ ސަރަޙައްދުގެ އަވަށު މީހުންނަށް ބާރު އަޑެއް އިވި، ދުން އަރާތަން ފެނުމާއެކު ކަމާބެހޭ އިދާރާތަކަށް އެކަން އެންގި އެވެ. އެއާއިއެކު، ފުލުހުން އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ވަގުތުން އެ ސަރަޙައްދަށް ދިޔަ ނަމަވެސް، ބޯޓުން ދަތުރުކުރި އެކަކުވެސް ސަލާމަތްވެފައެއް ނުވެ އެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބުން ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ކުރުމަށްފަހު ކަމަށް ރާންޗީ އެއާޕޯޓުގެ ޑިރެކްޓަރު ވިނޯދު ކުމާރު ވިދާޅުވި އެވެ.
ހާދިސާ ހިނގި ސަރަހައްދަށް ސާޗް އެންޑް ރެސްކިއު ޓީމެއް ގޮސްފައިވާ ކަމަށާއި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯގެ ޓީމެއް ވެސް ފޮނުވާފައިވާ ކަމަށް ޑީޖީސީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ރާއްޖެ އަށް ސައުދީ އިން 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ލަވަކިޔުން ހުއްޓާނުލަން އަރިޖީތުގެ ކިބައިން އާމިރު އެދެފި
ދިރާގު 3X3 ޗެލެންޖަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މާދަމާ