ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުރެގެން މުހައްމަދު ޝަމްއާން ވަހީދު ބިދޭސީއެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އޭނާގެ މައިންބަފައިންނާއި އަނބިމީހާ ހެކިބަސް ދީފި އެވެ.
ބޮޑެތި ތުހުމަތުތަކެއް ކޮށް ބަންދުކުރުމަށްފަހު، މިހާރު ދޫކޮށްލާފައިވާ ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އޭނާގެ ފަރާތުން 10 މީހެއް ހެކިންގެ ގޮތުގައި ހުށަހަޅިއިރު، އޭގެ ތެރޭގައި އޭނާގެ މަންމަ އާއި ބައްޕަ އަދި އަނބިމީހާ ހިމެނެ އެވެ.
އެމީހުން ހެކިބަސް ދީފައިވަނީ ދައުލަތުން ކުރި ދައުވާގައި ބިދޭސީ މީހާއަތުން ހޯދި ފައިސާ ޝަމްއާންގެ ލޯނު ދެއްކި ކަމަށް ބުނާ މައްސަލައިގަ އެވެ.
ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ހެކިބަސް ދެމުން ބުނީ، ޝަމްއާންގެ ލޯނު ނުދައްކާ އޮތުމުން އެކަމާ ކަންބޮޑުވާތީ، އެ ލޯނު ދައްކަން އޭނާ އަށް ތިން ލައްކަ ރުފިޔާ ދީފައިވާނެ ކަމަށެވެ. އެ ފައިސާ ދިނީ ނަގުދު ފައިސާގެ ގޮތުގައި ކޮތަޅަކަށް ލާފައި ކަމާއި އޭނާއަކީ އާންމުކޮށް ނަގުދު ފައިސާ ގޭގައި ބަހައްޓާ މީހެއް ކަމަށް ވެސް ބުންޏެވެ.
ޝަމްއާންގެ ބައްޕައަކީ ފިހާރަ އާއި ކެފޭ ހިންގައިގެން ފައިސާ ހޯދާ އަދި އެޕާޓްމެންޓް ކުއްޔަށް ދީގެން ވެސް އާމްދަނީ ލިބޭ މީހެއްކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ މަންމަވެސް ވަނީ ޝަމްއާންގެ ބައްޕައަށް ރަނގަޅު އާންމުދަނީއެއް ލިބޭކަމަށް ބުނެފަ އެވެ.
ޝަމްއާންގެ ބައްޕަ އޭނާއަށް ފައިސާ ދިންއިރު އެތަނުގައި ތިބި ކަމަށް އޭނާގެ މަންމަ އާއި އަނބިމީހާ ވަނީ ބުނެފަ އެވެ.
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބިދޭސީއެއް ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500،000ރ. ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400،000ރ. އޭނާގެ އަތުގައި ބަހައްޓާފައިވެ އެވެ. އަދި ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
ޝަމްއާންގެ އަނބިމީހާ ހެކިބަސް ދެމުން ބުނީ ޝަމްއާން އެދުވަސްވަރު ކާރެއް ވިއްކާލުމުންވެސް ނަގުދު ފައިސާއިން ގަތް ފަރާތުން ފައިސާ ދެއްކި ކަމަށެވެ. ކާރު ވިއްކި ޝަމްއާންގެ އެކުވެރިޔާއާއި ހެކިންގެ ގޮތުގައި ސޮއި ކުރި ދެ ރައްޓެހިންގެ ހެކިބަސްވެސް ނަގަން އެދިފައިވެ އެވެ. އޭގެ ތެރެއިން ކާރު ވިއްކި މުއާމަލާތުގެ ހެކިންގެ ހެކިބަސް ނަގާފައިވެ އެވެ.
ޝަމްއާން ދިން ފައިސާ ލޯނަށް ދައްކަން ބޭންކަށް ދިޔަ އިމިގްރޭޝަންގެ ސްޓާފު އަދި ޝަމްއާންގެ ގާތް އެކުވެރިއެއް ކަމަށްވާ އާފިއު މުހައްމަދު ވެސް މިއަދު ހެކިބަސް ދިނެވެ. އޭނާ ބުނީ ފައިސާއަކީ ޝަމްއާންގެ ބައްޕަ ދިން ފައިސާކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
އެ ފައިސާ އޭނާ ހަވާލުކުރީ ވެލާނާގެ ބޭރުން ކޮތަޅެއްގައި ކަމަށާއި އެ ފައިސާ ހިފައިގެން ގޮސް ބޭންކަށް އޭނާ ޖަމާކުރީ ކަމަށް ބުންޏެވެ. ނަމަވެސް، އޭގައި ހުރި ފައިސާގެ އަދަދެއް އޭނާއަކަށް ނޭނގެ އެވެ. އެންމެ ފުރަތަމަ އެކަން ކޮށްދިނުމަށް ޝަމްއާން އޭނާގެ ގާތު އެދުނީ ރޯދަ މަސް ފެށުމުގެ ކުރިން ކަމަށާއި ނަމަވެސް އޭނާއަށް ވަގުތު ނުވީ ކަމަށެވެ. ފައިސާ ބޭންކަށް ޖަމާކޮށްފައިވަނީ ރޯދަ މަހުގެ ތެރޭގަ އެވެ. ޝަމްއާން ހައްޔަރުކޮށްފައިވަނީ އެ ފައިސާ ޖަމާކުރިތާ ހަފްތާއެއް ފަހުންނެވެ.
ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލާ ކަމުގައި ހުރި އިރު ހިފެހެއްޓި ބިދޭސީންތަކުގެ ތެރެއިން 530،000ރ އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީން އަނެއްކާ ވެސް ބޮޑު އެއްވުމެއް މާޗު 21 ގައި
އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ބޮޑު: އީރާން
ނަހުލާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލަ ފުލުހަށް