ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެއްވެސް ރަށަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ޕީއެންސީން ރޭ ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ދިއުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އިންތިހާބަކާ ގާތްކޮށް އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުން ގާތަށް ދާކަށް. މިހާރު ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށެއް،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރަށެއްގައި ހިންގާ ބޮޑު މަޝްރޫއެއް ނިމިގެން، އެކަން ފާހަގަކުރުމަށް ރަށުގެ ރައްޔިތުން ދައުވަތު ދީފިނަމަ، އެ ދައުވަތު ގަބޫލުކުރައްވައި އެ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުނިނަމަވެސް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވެފައި ވަނިކޮށް، އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރަށް ރަށަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުތަކުގައި ބައެއް މަޝްރޫއުތަކުގެ ބިންގާ އެޅިނަމަވެސް މަސައްކަތްތައް ކުރިއަކަށް ނުދެ އެވެ.

ސަރުކާރުން އިސްކަންދެނީ އިންތިހާބުތައް އައުމުގެ ކުރިން ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެކަންކަން ފުއްދައިދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުލީއާގޭގައި ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ހާޒިރުގައި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ ކޮންމެ ފްލެޓެއްގެ ވެރިފަރާތަކަށް 100،000ރ. ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. މިއީ ޕީއެންސީއަށް ވޯޓު ހޯދުމަށް މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން ހުށަހެޅި ރިޝްވަތެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސަރުކާރަށް ދެ އަހަރު ވީއިރު މާލެ ހިޔާ އާއި ސިނަމާލެ ފްލެޓްތަކުގެ މައްސަލަތައް ހައްލުުރަން އެއްވެސް ކަމެއް ނުކޮށް ކުއްލިއަކަށް އިންތިހާބާ ދިމާކޮށް މިފަދަ ކަންކަން ކުރުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބަށް ނުފޫޒުފޯރުވަން ކުރާ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިންތިހާބާ ދިމާކޮށް ރަށްރަށުން އަންނަނީ ކުއްލިއަކަށް ގިނަ ބަޔަކަށް ވަޒީފާ ދެމުންނެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ދަނީ ދުރު ރަށްރަށް ވަޒީފާ ބަދަލުކުރަމުންނެވެ.