ރަމަޟާންމަހަކީ، ކަންނެތްކަން އިހުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށާއި އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
"ނަސްރާއި ކާމިޔާބުގެ މައްސަރު" ގެ މައުޟޫއަށް މިއަދު އޮތް ހުކުރު ހުތުބާގައި ބުނެފައިވަނީ މިއީ އިންސާނާގެ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރެ ކަމަށާއި، މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބު ކުރުމަށް ބާރުއަޅާ ކަމަށް ހުތުބާގައި ފާހަގަކުރި އެވެ.
ރަމަޟާން މަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ އަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަސްރާއި ކާމިޔާބީތައް ހާސިލުކުރި މައްސަރު ކަމަށްވެސް ޚުތުބާގައި ވެއެވެ. އިސްލާމީ ތާރީހު ބަދަލުކޮށްލި މަޝްހޫރު ބަދުރު ހަނގުރާމަކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާންމަހު ސަތާރަވަނަ ދުވަސްކަން ފާހަގަކުރައްވަމުން ޚުތުބާގައި ވިދާޅުވީ، ހާހަކަށް ވުރެ ގިނަ ކާފިރުންގެ ވަރުގަދަ ލަޝްކަރު މުސްލިމުންގެ ތިންސަތޭކައެއް ހައި މީހުންގެ ލަޝްކަރުގެ އަތްދަށުވެ ބަލިވުމަކީ ތާރީހީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ވަރުގަދަ ކާމިޔާބީ ކަމަށެވެ.
ރަމަޟާންމަހަކީ، ކަންނެތްކަން އިހުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު ކަމަށް ހުތުބާގައި ވެއެވެ
"ހާއްސަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތައް. ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތް ކުރާށެވެ! އެ ރޭގެ ހެޔޮކަމުން މަޙުރޫމު ވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަހުރޫމުވެއްޖެ،" ހުތުބާގައި ނަސޭހަތްތެރި ވެފައިވެ އެވެ.
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުންކަން ފާހަގަކުރައްވަމުން ޚުތުބާގައި ވިދާޅުވީ، މުސްލިމު މުޖުތަމައުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެ ކަމަށެވެ. އަދި ހަމައެއާއެކު އަހަރެމެންނާއެކު ދިރިއުޅެމުންދާ އެހެންދީންތަކުގެ މީހުންނާއި ބިދޭސީންނަށް އިޙުސާންތެރިވާންވާނެ ކަމަށާއި، އިސްލާމްދީނަކީ އޯގާތެރިކަމާއި ކުލުނުވެރިކަމުގެ ދީން ކަމަށްވެސް ހުތުބާގައި ވެއެވެ.

އަނބިމީހާ މަރާލުމުގެ ތުހުމަތުވާ މާވިން އިސްލާމްވެއްޖެ
ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟
ޔަހޫދީންނަށް ހިދުމަތް ކުރުމުގެ އެންމެ ޝަރަފުވެރި މެޑެލް މޯދީއަށް