ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ވެސް ދެއްކެވި ވާހަކައެއް ކަމަށާއި އަދި އެއީ އެބޭފުޅުން ވެސް ބޭނުންވި ގޮތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތިން އިންތިހާބު އެކުގައި ބޭއްވުން މުހިއްމު ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ގާނޫނުއަސާސީއަށް އިސްލާހުތައް ގެނެސްފައި ހުރީ ވެސް އިންތިހާބުތައް މަދުކުރެވޭނެ ފަދަ ގޮތަކަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބު ކޮންމެ ތިން އަހަރަކުން ބާއްވާ ގޮތަށް އޮތް އޮތުން ފަސް އަހަރަށް ބަދަލުކުރީ އިންތިހާބުތައް ގިނަވުމުގެ ސަބަބުން ސަރުކާރުގެ ފޯކަސް ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ބަދަލުގައި އިންތިހާބުތަކަށް ހުއްޓޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުތަކަށް ކުރާ ހޭދައަށް އަލިއަޅުއްވާ ލައްވަމުން ޝިޔާމް ވިދާޅުވީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި 368 ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅަކު ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން ކުރާ ހަރަދުގެ ބޭރުން ކެންޑިޑޭޓުން އަމިއްލައަށް ކުރާ ބޮޑު ހޭދައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ވަކިވަކިން އިންތިހާބުތައް ބޭއްވުމުން ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާ ކަމަށެވެ.

"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވިއްޖެ ނަމަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި ހަމަގައިމު ވެސް އިންތިހާބުގެ ކަންކަން އެ ނިމިގެންދަނީ. އެހެންވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން ޑިމޮކްރަސީ ހަރުދަނާކުރަން އުޅޭ ބައެއް ކަމަށް ވަންޏާ އެކަމަށް ވަރަށް ބޮޑަށް އެބަ ބާރު ލިބޭ،" ޝިޔާމް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށެވެ. މިއީ 2007 ވަނަ އަހަރަށްފަހު ރާއްޖޭގައި ގައުމީ ފެންވަރުގައި ނަގާ ފުރަތަމަ ފެންނަ ނުފެންނަ ވޯޓެވެ.

ސަރުކާރުން ކުރިއަށްދާނީ އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.