އަލަށް ކީރިތި ގުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ހާފިޒުންނަށް ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވައިފިއެވެ.

މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ގުރުއާން ހިތުދަސްކޮށް، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް، ހިފްޒު އިމްތިހާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ހާފިޒުންނެވެ. މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ހާފިޒުންނާއި، ފިރިހެން 12 ހާފިޒުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ހާފިޒުންނާއި، 21 އަހަރުން މަތީގެ 8 ހާފިޒުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިތުރު 18 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފަ އެވެ. މިއީ 3 ސެޕްޓެމްބަރު 2024 އިން 18 މާރިޗު 2025 ގެ ނިޔަލަށް ކީރިތި ގުރުއާން ހިތުދަސްކޮށް، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް، ހިފްޒު އިމްތިހާނު ކޮމިޓީއަށް ކިޔައިދީ ސަނަދު ހާސިލުކޮށްފައިވާ ހާފިޒުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވީ، މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހާފިޒުކަމުގެ އިމްތިހާނު ހަދައި، ދަސްވެނިވާ އަހަރު ކަމަށެވެ.

26 ފެބުރުވަރީ 2026 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ތިބީ 139 އަންހެން ހާފިޒުންނާއި، 162 ފިރިހެން ހާފިޒުންކަމަށް، އިސްލާމިކް މިނިސްޓްރީން ބުންޏެވެ.