އީރާނުގެ އާ ސުޕްރީމް ލީޑަރު އާޔަތުﷲ މޮޖުތަބާ ޚާމަނައީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ނެރުއްވި ފުރަތަމަ މެސެޖުގައި، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ވީ އެންމެ އަވަހަކަށް ބަންދުކުރުމަށް ގޮވާލައްވައި، ނޫންނަމަ ހަމަލާތައް ކުރިއަށް ގެންދަވާނެ ކަމުގެ އިންޒާރު ދެއްވައިފި އެވެ.

ޚާމަނައީ ވިދާޅުވީ އީރާނުން ހަމަލާ ދެނީ ހަމައެކަނި އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކަމަށާއި، އަވަށްޓެރި ގައުމުތަކާ އެކު ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ. އަދި އެމެރިކާއާއި އިޒްރޭލުގެ ނަން ސީދާ ވިދާޅު ނުވެ ދުޝްމަނުންގެ ގޮތުގައި ސިފަކުރައްވައި، ޚާމަނައީ ވިދާޅުވީ އެ ދެ ފަރާތުން އީރާނަށް ބަދަލު ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތެލުގެ ވިޔަފާރީގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ޕްރެޝަރުގެ ހަތިޔާރެއްގެ ގޮތުގައި ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް ޚާމަނައީ ވިދާޅުވި އެވެ.

"ދުޝްމަނުންނަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ވަސީލަތެއްގެ ގޮތުން، ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ޚާމަނައީ ވިދާޅުވި އެވެ.

އަވަހާރަކޮށްލާފައިވާ ކުރީގެ އެންމެ މަތީ ލީޑަރުންނާއި، ހަމަލާތަކުގައި މަރުވި ކުޑަކުދިން ހިމެނޭހެން، ހުރިހާ ޝަހީދުންގެ ލެޔަށް ބަދަލުހިފުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ޚާމަނައީ ވިދާޅުވި އެވެ.

އީރާނުގެ ސްޕްރީމް ލީޑަރު ޚާމަނާއީ ވަނީ، ގައުމު ބައިބައިވިޔަނުދީ އަދި ބޭރުގެ ނުފޫޒުގެ ދަށަށް ދިޔަނުދީ ސަލާމަތްކުރުމުގައި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީ ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާނެކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.