ކުރިއާ އަޅާބަލާއިރު މުޅި ރާއްޖޭގެ ވައި ސާފުވަމުން އަންނަ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ވައިގެ ކޮލެޓީ އިތުރަށް ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.
އެ އިދާރާއިން ބުނިގޮތުގައި ހުކުރު ދުވަހު އެހެން ދުވަސްތަކާ ޚިލާފަށް ވައި ސާފުކަމަށް ދައްކާއިރު، އަންނަ ހޯމަ ދުވަހާ ހަމައަށް ވައިގެ ނުސާފުކަން ކެނޑިގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
ވައިގެ ސާފުމިން ބަލާ ބައިނަލްއަގުވާމީ ވެބްސައިޓް "އައިކިއު އެއާ" އިން ދައްކާ ގޮތުގައި، ހުކުރު ދުވަހު ރާއްޖޭގައި ވައި އެންމެ ނުސާފުކޮށް ހުރި ކުޅުދުއްފުށީގެ އެއާ ކޮލެޓީ އިންޑެކްސް ހުރީ 105 ގަ އެވެ. މިއީ އޮރެންޖު އެލާޓެއް ނަމަވެސް، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ސިޓީގެ ވައިގެ ސާފުކަން ވެސް ރަނގަޅުވަމުން އަންނާނެ ކަމަށް އެ ސައިޓުން ދައްކަ އެވެ.
މާލެ ސަރަހައްދުގެ ވައިގެ ސާފުކަން މިވަގުތު 64 ގައި ހުރިއިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގެ ވައިގެ ސާފުކަން ހުރީ 33 ގަ އެވެ. މިއީ ސިއްހީ ގޮތުން ރަނގަޅު މިންވަރެއްކަން ފާހަގަކުރެވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަހައްދުތަކުގެ ވައި ވެސް އިތުރަށް ސާފުވެގެންދާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ރާއްޖޭގެ މޫސުމާ ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި މޫސުން ރަނގަޅު ކަމަށެވެ. އެ އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ވައިޖެހޭނީ ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދު ކަމަށެވެ. މިއީ ވައިގެ ސާފުކަން ރަނގަޅުވުމަށް މަގުފަހިވާނެ މޫސުމީ ބަދަލެކެއް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ވައިގެ ސާފުކަން ސިއްހީ ގޮތުން ނުރައްކާވާ މިންވަރަށް ދަށްވެފައި ވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް މިދިޔަ ހަފްތާއިން ފެށިގެން ވައިގެ ކޮލެޓީ ރަނގަޅުވަމުން އަންނަކަން ރިޕޯޓްތަކުން ކަށަވަރުވެ އެވެ.

ކުރު ވާހަކަ: އެ ސިއްރު
ތެލުގެ ހަރަދަށް ރާއްޖޭން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ
ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ