މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް ހިމެނޭ ގޮތަށް ދުނިޔޭގެ އެތައް އެއާލައިނަކުން ފިއުލް ސާޗާޖު ބޮޑުކޮށްފި އެވެ.
ސާޗާޖު ބޮޑުކުރި އެއާލައިންތަކުގެ ތެރޭގައި އިންޑިއާގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ކަމަށްވާ އިންޑިގޯ ހިމެނެ އެވެ. ރާއްޖެ އާއި އިންޑިއާގެ ބެންގަލޫރު، ކޮޗިން، މުމްބާއީ އަދި ޓްރެވިންޑްރަމްއާ ދެމެދު ދަތުރުކުރާ އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން ސާޗާޖު ބޮޑުކުރުމަކީ މިވަގުތަށް ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ.
ހަމައެއާ އެކު އެއާ އިންޑިއާ އިން ވެސް ވަނީ ބައެއް މަންޒިލްތަކަށް 200 ޑޮލަރާ ހަމައަށް ސާޗާޖު ބޮޑުކޮށްފަ އެވެ. މެލޭޝިއާ އެއާލައިންސް އާއި އެއާ އޭޝިއާ އިން ބުނެފައި ވަނީ ތެލުގެ އަގު ހަމައަކަށް ނޭޅޭ ނަމަ ސާޗާޖު ބޮޑުކުރަން މަޖުބޫރުވާނެ ކަމަށެވެ. ރާއްޖޭގެ ވީއައިއޭ އިން ވިއްކާ ޖެޓް ފިއުލްގެ އަގު ވެސް މިހާރު ވަނީ ބޮޑުކޮށްފަ އެވެ.
އެއާލައިންތަކުގެ ޖުމްލަ ހިންގުމުގެ ހަރަދުގެ %20-%30 ހޭދަވަނީ ތެލަށެވެ. އީރާން ހަނގުރާމައާ ގުޅިގެން ސާފުނުކުރާ ތެޔޮ ފީފާއެއް 100 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ އިރު، ސާފުކުރި ޕެޓްރޯލާއި ޑީސަލް ފީފާއެއް ވަނީ 170 ޑޮލަރު ފަހަނައަޅައި ގޮސްފަ އެވެ. މި ރޭޓުގައި ތެލުގެ އަގު ދެމިއޮވެއްޖެ ނަމަ ވައިގެ ދަތުރުފަތުރުގެ އަގު ދެ ގުނައަށް އުފުލިދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރޯވި ގެއިން މީހުން ނެރެން ވަންނަން ޖެހުނީ ފާރު ތަޅާލައިގެން
މުޅި ރާއްޖެއަށް އަންނަނީ ވައި ނުސާފު ވަމުން: މެޓް