ރަމަޟާން މަސް ނިމެން ކައިރިވެފައިވާއިރު އެ މަހާ ގުޅިފައިވާ ގިނަ ކަންކަމަކީ އަހަރުމެން ދިވެހިން އެ ކަންކަމަށް ވަރަށް އިސްކަންދޭ ކަންކަމެވެ.
އެގޮތުން ޒަމާނުއްސުރެ ދިވެހިންގެ އެންމެ ފާހަގަކޮށްލެވޭ އެއް ރޯދަ ބައިވެރިޔަކީ ދިވެހި ބަހުން އަޑު އަޅައިގެން ޓީވީއެމް އިން ދުރަށް ދައްކާ ސީރީޒްއެއް ކަމަށްވާ މުހައްމަދުއް ރަސޫލުﷲ އެވެ.
1980 ވަނަ އަހަރު ޕްރިމިއާ ކުރެވުނު މިސްރުގެ އެ ސީރީޒްއަކީ އިސްލާމް ދީނުގެ ބައެއް ނަބީ ބޭކަލުންގެ ވާހަކަތައް ގެނެސްދޭ ސީރީޒް އެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެ ސީރީޒްއިން ފެނިގެންދާ ފާހަގަ ކޮށްލެވޭ ބައެއް ތަރިންނަށެވެ.
އަބްދުﷲ ޣައިޘް
ސަލާމް ލެއްވި އިބްރާހިމްގެފާނުން ފެށިގެން ސަލާމްލެއްވި ޔޫސުފްގެފާނުގެ ހަޔާތްޕުޅު ގެނެސްދޭ ސީޒަންގައި ނަބީބޭކަލުން ވިދާޅުވާ ބަސްފުޅު ގެނެސްދޭ ކެރެކްޓަރުގެ ގޮތުގައި ފާހަގަ ކޮށްލެވޭ އަބްދުﷲ ޣައިޘްއަކީ މިސްރުގެ އިތުރުން ވެސް ބައިނަލްއަގްވާމީ ބައެއް މަސައްކަތްތަކުން ވެސް ފެނިފައިވާ އެކްޓަރެކެވެ. އޭނާ ވަނީ އީސާގެފާނުގެ ބައިގައި މުސްކުޅި އެދުރުބެގެ ބައިވެސް ކުޅެފަ އެވެ.
ޔޫސުފް ޝައުބާން
މުހައްމަދުއް ރަސޫލުﷲ ސީރީޒްގައި އެންމެ މަގުބޫލު އެއްބަޔަކީ މޫސާގެފާނުގެ ބައެވެ. ދީނީ ގޮތުން ނަބީބޭކަލުން ސިފަ ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ އެ ބޭކަލުން ވިދާޅުވާ ބަސްތައް ގެނެސްދީފައިވަނީ އެހެން ކެރެކްޓަރެއް މެދުވެރިކޮށެވެ. އެގޮތުން މޫސާގެފާނުގެ ބަސްފުޅުތައް ގެނެސްދީފައިވަނީ އެކަލޭގެފާނުގެ ސަހާބީއެއްގެ ރޯލުން ފެނިގެންދާ ޔޫސުފް ޝައުބާން އެވެ. އޭނާ ވަނީ ބައިގަރުނު ވަންދެން ފިލްމީ ދާއިރާގައި މަސައްކަތްކޮށް 100 އަށްވުރެ ގިނަ ފިލްމުތަކުން ފެނިފަ އެވެ.
ސަނާ މަޡްހަރު
މުހައްމަދުއް ރަސޫލުﷲގައި ސަނާ މަޡްހަރު އެންމެ ފުރަތަމަ ފެނިގެންދިޔައީ ސަލާމްލެއްވި ލޫތުގެފާނުގެ ސަދޫމަށް ނިސްބަތްވާ ފާސިދު އަނބިކަނބަލުންގެ ގޮތުގަ އެވެ. އެއަށްފަހު ސަލާމްލެއްވި ސުލައިމާންގެފާނުގެ ބައިގައި ބަލްގީސް ރަނިންގެ ގޮތުގައި ވެސް ފެނިގެންދިޔައީ ހަމަ ސަނާ އެވެ.
ޝުކްރީ ސަރްހާން
މިސްރުގެ އަލް ޝަގްރިއްޔާއަށް ނިސްބަތްވާ ޝުކްރީވަނީ ސީރީޒްގެ ތެރެއިން ތަފާތު ތިން ރޯލަކުން ފެނިފަ އެވެ. އެންމެ ފުރަތަމަ އޭނާ ފެނިގެންދިޔައީ އިބްރާހިމްގެފާނުގެ ބައިގައި އެލީ އާޒަރުގެ ރޯލުންނެވެ. އޭގެ އިތުރުން މޫސާގެފާނުގެ ބައިގައި ސިންހޫތުގެ ރޯލާއި ކަހަފް ބާގައިގެ މީހުންގެ ބައިގައި ޔަމްލީޚާގެ ރޯލުން ވެސް ފެނުނީ އޭނާ އެވެ.
އަބްދުލް މުންއިމް އިބްރާހިމް
ހެއްވާ މަޖާ ރޯލުތައް ކުޅޭ ކޮމީޑިއަންއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަބްދުލް މުންޢިމް މުހައްމަދުއް ރަސޫލުﷲގައި ފެނިގެންދިޔައީ ވަރަށް ތަފާތުކޮށެވެ. ސަލާމްލެއްވި އިބްރާހިމްގެފާނުގެ ބައްޕަގެ އެކުވެރިއެއް އަދި ފަހުން އިސްލާމްވުމަށްފަހު އެކަލޭގެފާނުގެ ސަހާބީއެއް ކަމަށްވާ ލޯގާލްގެ ގޮތުގަ އެވެ.
އަމީނާ ރިޒްޤް
ސަލާމްލެއްވި އިބްރާހިމްގެފާނުގެ މައިކަމަނާ އިމިތައްލީގެ ގޮތުގައި އަމީނާ ދައްކުވައިދިން އެކްޓިންއަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލުވި ހުށައެޅުމެކެވެ.

ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އެއް އިމާރާތެއްގައި އުޅުނަސް ރޯދަ ވީއްލަންޖެހޭ ވަގުތު ތަފާތު!