ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް މި ދުވަސްވަރު އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާގޮތުގައި، މިއަދު ހެނދުނު 11:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 11:00 ޖެހިއިރު އިހުސާސްކުރެވޭ ހޫނުމިން އެންމެ މަތީގައި އުޅެނީ ވެރިރަށް މާލޭގަ އެވެ. މާލޭގައި މި ވަގުތު އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.8 ޑިގްރީ ސެލްސިއަސްގަ އެވެ.

އިރުވައި މޫސުމުގެ އެންމެ އަވިގަދަ ދުވަސްތަކާ ދިމާކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގެ ހޫނުމިން މައްޗަށް ދާން ފަށާފައިވަނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެންނެވެ. ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން، މިއަދަކީ އިރުވައި މޫސުމުގެ އަށްވަނަ ނަކަތް ކަމަށްވާ "ފަސްބަދުރުވައި" ނަކަތުގެ 13 ވަނަ ދުވަހެވެ.

މި ނަކަތަކީ އާންމުކޮށް އުޑުމަތި ސާފުވެ، އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި ރާއްޖެއަށް ހުޅަނގު މޫސުން ފެށުމާއެކު، މިހާރު އިހުސާސްކުރެވެމުންދާ ގަދަ ހޫނަށް ބަދަލުތަކެއް އަންނާނެ އެވެ.