ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިހުމާލުން އާންމު ރައްޔިތުންނަށް، ހާއްސަކޮށް ބަލިމީހުންނަށް ކުރިމަތިވަމުންދާ ތަކުލީފުތަކުގެ ޝަކުވާ ބޮޑުވެ، ރައްޔިތުންގެ ނުރުހުން އިންތިހާއަށް އިތުރުވެއްޖެ އެވެ.
މި މައްސަލަ ހޫނުވެފައިވަނީ، އެންސްޕާގެ އެހީތެރިކަން ނުލިބި އުމުރުން އެންމެ 6 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އެސްޓީއޯއާއި އެންސްޕާގެ އިހުމާލުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އިއްޔެ ނިޔާވި އެ ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި، ކުއްޖާ މަރުވީ އެންސްޕާ މެދުވެރިކޮށް ހޯދަންޖެހޭ ފީޑިން ޓިއުބެއް ނުލިބި އަށް މަހެއްހާ ދުވަސް ވޭތުވެދިޔަ ފަހުންނެވެ. އެސްޓީއޯގެ އިހުމާލެއް ވޭތޯ އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. މި ހާދިސާއާއެކު ސޯޝަލް މީޑިއާގައާއި އާންމުންގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ ގަދަވެފަ އެވެ.
މީގެ އިތުރުން، އެސްޓީއޯ ފާމަސީން ބޭސް ހޯދުމަށް މަހެއްހާ ދުވަހު ކޮންމެ ދުވަހަކު ކިއޫގައި މަޑުކުރަން ޖެހުނު މައެއްގެ ވާހަކަވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. މި ހާދިސާތަކުން ދޭހަވަނީ، އިދާރީ މުވައްޒަފުން ފެށިގެން ސިޔާސަތު ކަނޑައަޅާ ވެރިންނާ ހަމައަށް ޒިންމާދާރުކަން ކުޑަވެފައިވާ މިންވަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ބަލިމީހުންނަށް ބޭނުންވާ މުހިއްމު ބޭހާއި، ފުރާނައަށް ނުރައްކާވެދާނެ ހާލަތްތަކުގައި ބޭނުންކުރާ އިންޖެކްޝަންތައް ނުލިބުމުގެ މައްސަލައަކީ މިހާރު އާންމު ޝަކުވާއެކެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރަޕީއަށް ބޭނުންވާ އެހީތެރިކަމަށް އެދި އެންސްޕާއަށް ހުށަހެޅުމުން، އެކަމަށް އެތައް މަސްތަކެއް ނަގާކަމުގެ ޝަކުވާވެސް ވަނީ އިތުރުވެފަ އެވެ. ރައްޔިތުން ބުނަމުންދަނީ، ސިއްހީ ކަންކަމަކީ މަޑުޖައްސާލެވެން އޮތް ކަންކަމެއް ނޫން ނަމަވެސް، އިދާރާތަކުން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށެވެ.
މި ހުރިހާ ހިތްދަތި ކަންކަމެއް ރައްޔިތުން ތަހައްމަލު ކުރަމުންދާއިރު، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ފެންނަނީ ސަރުކާރުގެ ސިޔާސީ ހަރަކާތްތަކާއި ކެމްޕޭންތަކުގައި އަވަދިނެތި އުޅުއްވާ މަންޒަރެވެ.
މި މައްސަލަތައް ފެންމަތިވުމާއެކު، ގިނަ ބަޔަކު ދަނީ ހީނާއާއި އެސްޓީއޯގެ އެމްޑީ ސިމާދު އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ހީނާގެ އިސްތިއުފާއަށް ގޮވަމުންނެވެ.
ރައްޔިތުން ނުރުހުން ފާޅުކުރަން ފެށުމުން މިއަދު ހެލްތު މިނިސްޓްރީން ވަނީ މި މައްސަލަ ބަލަމުން އަންނަކަމަށް ބުނެފަ އެވެ. މި މައްސަލަތަކާ ގުޅިގެން އެންސްޕާއިން ރަސްމީކޮށް އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ދައުލަތުގެ ނިޒާމުގެ ތެރެއިން ޖަވާބުދާރީވުން ކުޑަވެ، އިހުމާލުވުން އާންމުވަމުންދާ ދިއުމާގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިއުމަށް ހުރަސްތަކެއް
އިންތިހާބާ ދިމާކޮށް ފުވައްމުލަކުގެ "ޑްރަގްގެ ބޮޑުން" ދޫކޮށްލައިފި