ސަރުކާރު ކުންފުންޏަކުން ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ދިން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން، ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދަށް ބޮޑެތި ފުރައްސާރަތަކަކާ ކުރިމަތިވެ، އާންމު ދިރިއުޅުމަށް ދަތިވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމީ ތަރި ކަމަށްވާ ނިއުމާއަށް ސަރުކާރު ކުންފުންޏަކުން 40,000ރ. ގެ މުސާރައެއް ލިބޭ ވަޒީފާއެއް ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ސަރުކާރުން ފިލްމީ ދާއިރާގެ އެކި ފަރާތްތަކަށް ސަރުކާރުން ވަޒީފާ ދެމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ފާޑުކިޔުންތަކަށް ރައްދުދެމުން ނިއުމާ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ތަނެއްދޮރެއް ބެލުމެއް ނެތި ސޯޝަލް މީޑިއާގައި މީހުން އޭނާ "ރޮލާ ކާލަނީ" ކަމަށެވެ. އޭނާއަށް 40,000ރ. ލިބޭ ވަޒީފާއެއް ނުދޭ ކަމަށާއި، އެވަރުގެ މުސާރައެއް ދީފައި ގޭގައި ބަހައްޓާނެ ނަމައޭ ހިތަށް އަރާ ކަމަށް ވެސް ނިއުމާ ބުންޏެވެ.

ނަމަވެސް، އޭނާ މިހާރު އެއްވެސް ވަޒީފާއެއް އަދާކުރަމުންދާ ކަމެއް ނުވަތަ ނޫން ކަމެއް ނިއުމާ ބުނެފައެއް ނުވެ އެވެ.

މި މައްސަލައިގެ ތެރެއިން އޭނާގެ ފޯނު ނަންބަރު އާންމުވުމާ ގުޅިގެން އިއްޔެއިން ފެށިގެން މިހާތަނަށް 1,500 އަށް ވުރެ ގިނަ ފޯނު ކޯލާއި 400 އަށް ވުރެ ގިނަ މެސެޖު ލިބިފައިވާ ކަމަށް ނިއުމާ ކުރި އިތުރު ޕޯސްޓެއްގައި ބުނެފައިވެ އެވެ. މި އުނދަގޫތައް ބޮޑުވެގެން އެންމެ ފަހުން އޭނާގެ ފޯނު ނަންބަރުގެ ހިދުމަތް ވެސް މިހާރު ކަނޑާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް ނިއުމާ ވަނީ ވެމްކޯގެ އިދާރީ ވަޒީފާއެއް އަދާކޮށްފަ އެވެ. ނަމަވެސް އެ ވަޒީފާގައި އަހަރެއްހާ ދުވަސް ވެސް ނުވަނީސް އޭނާ ވަނީ ވަޒީފާއިން ކެނޑިފަ އެވެ.

ދިވެހި ސިނަމާގައި ގިނަ އަދަދެއްގެ ފިލްމުތަކާއި، ޑްރާމާތަކާއި ލަވަތަކުން ފެނިގެންދިޔަ ކުޅަދާނަ ތަރި ނިއުމާ ފިލްމީ ދާއިރާއިން ރިޓަޔާކުރީ 2019 ވަނަ އަހަރު އެވެ.