މިއަދު އޮންނަ އިންތިހާބުތަކުގައި ވޯޓު ކަރުދާސް ދޫކުރާއިރު، ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުންނުވާ މީހުންގެ ނަން އިއުލާންކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އުފެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުންނުވާ މީހުންނަށް އެ ވޯޓެއްގެ ކަރުދާސް ދޫނުކުރާނެ އެވެ. އަދި އެގޮތަށް ކަރުދާސް ދޫކޮށްލާ ފަރާތްތަކުގެ ނަން، އެތަނުގައި ތިބޭ އޮބްޒާވަރުންނަށް އެނގޭނެހެން ބާރަށް އިއުލާނުކޮށް، ހާދިސާ ރިޕޯޓުގައި ލިޔުމަށް ވަނީ ނިންމާފަ އެވެ.
މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، އިދިކޮޅު ފަރާތްތަކުގެ ތާއީދު ބޮޑު ރަށްރަށާއި ދާއިރާތަކުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބީގެ ފުރުސަތު ކުޑަވުމުން، އެ ސަރަހައްދުތަކުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފަ އެވެ.
މިގޮތުން، ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ވޯޓެއްގައި ބައިވެރިނުވުމަށާއި، ވޯޓު ކަރުދާސް ނުނެގުމަށް އަންގަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތްތަކުން ބުނާ ގޮތުގައި، ވޯޓު ކަރުދާސް ނުނަގާ މީހުންގެ ނަން އިއުލާން ކުރުމަކީ ސީދާ އެސްއޯއީތަކުން މުވައްޒަފުންނަށް މަޖުބޫރުކޮށް، ނުފޫޒު ފޯރުވުމަށް ދެވޭ ފުރުސަތެކެވެ. މި ހާލަތުގައި ވޯޓުގެ ސިއްރުކަން ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، މިއީ އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
މިއަދު ހެނދުނު 8 ޖަހާއިރު ފަށާ އިންތިހާބުގައި ރަށު ކައުންސިލު ތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ބޮޑު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓު ނަގާނެ އެވެ.
ތިން އިންތިހާބުގެ ތެރެއިން އެމީހަކު ވޯޓު ލާން ބޭނުންނުވާ އިންތިހާބެއް ދޫކޮށްލުމުގެ އިހުތިޔާރު ދީފައިވާއިރު، ތިން އިންތިހާބުގެ ކަރުދާސްކޮޅު ލާން ޖެހޭނީ ތިން ފޮއްޓަންކަމަށް އިލެކްޝަނުން ބުނެ އެވެ. އަދި ނުބައި ފޮށްޓަކަށް ކަރުދާހެއް ލެވިއްޖެ ނަމަވެސް، އެ ކަރުދާސްކޮޅު ނަތީޖާގައި ހިމަނާނަން ވަނީ ނިންމާފަ އެވެ.
ތިން އިންތިހާބުގެ ނަތީޖާ ވަކިން ގުނަން ނިންމާފައިވާއިރު، ފުރަތަމަ ގުނާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުތަކެވެ. އަދި އެއަށްފަހު ޑަބްލިޔުޑީސީ ވޯޓުތައް ގުނައި، ފެންނަ ނުފެންނަ ވޯޓު ގުނަން ނިންމާފައިވަނީ އެންމެ ފަހުންނެވެ.
ދަރިން ބެލުމުގައި ވަކި މީހެއްގެ ވަކި ދައުރެއް ނޯވޭ: އަބީޝޭކް
ވަރަށް ދޯހަޅި ވޯޓެއް ހުރިހާ ކަމެއް ވެސްގެ އަޞްލު ގެއްލޭ ތަން ފެންތީ ހިތާމަކުރަން
ރިޕްލައި