ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީގެ ދަރިފުޅު ޝިލޮހް ޖޯލީ ފެންނަ މިއުޒިކް ވީޑިއޯއެއްގެ ޓީޒާ އާއްމު ކޮށްފި އެވެ.

ކޭޕޮޕް އާޓިސްޓެއް ކަމަށްވާ ޑަޔަންގްގެ ކުރިއަށް އޮތް މިއުޒިކް ވީޑިއޯ "ވަޓްސް އަ ގާލް ގޮޓް ޓު ޑޫ"ގައި ޝިލޮހް ފެނިގެންދަނީ ހާއްސަ ފެނިލުމަކުންނެވެ.

އެ ފެނިލުމުގައި ޝިލޮހްގެ އިސްތަށިގަނޑު އެއްކޮށް ގަތާފައި ހުރިއިރު މޫނުގައި މޭކަޕް އުނގުޅާފައި ހުރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެ އެވެ.

މާދަމާ ރިލީޒް ކުރަން ހަމަޖެހިފައިވާ އެ މިއުޒިކް ވީޑިއޯގެ ޓީޒާ އާއްމު ކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ ޝިލޮހްގެ އެ ފެނިލުމަށް ތަރުހީބު ދެމުންނެވެ.

އެގޮތުން އެ ވީޑިއޯއިން ވެސް އޭނާގެ މަންމަ އެންޖެލީނާއާ ވައްތަރުކަން ވަރަށް ބޮޑަށް އެނގޭ ކަމަށާއި ހުނަރުގެ ގޮތުން ވެސް އެންޖެލީނާއާ ވާދަކުރާނެ ކަމަށް ގިނަ މީހުން ބުނެ އެވެ.

މިފަހުން ޝިލޮހް ގިނަ ބައެއްގެ ސަމާލުކަން ހޯދީ އޭނާގެ ރަސްމީ ނަމުން ބައްޕަ ބްރެޑްގެ ނަން އުނި ކުރުމުންނެވެ. އެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް ޝިލޮހް ބުނެފައިވެ އެވެ.