ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރު ބާއްވާ ފުރަތަމަ ހެލްތު ކޭމްޕް ށ. ފުނަދޫގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލުން ބުނީ ށ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ، އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދުރާލާ ރެޖިސްޓްރީކޮށްގެން، ތަފާތު ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ކޭމްޕް ކުރިއަށްދާނީ އޭޕްރީލް މަހުގެ 10 އިން 11 އަށެވެ. މިއީ އެ ސަރަހައްދުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓު މުވައްޒަފުންނަށް، މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، އަމިއްލަ ސަރަހައްދުގައި ތިބެގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު 7 ކޮންސަލްޓަންޓުން ހިމެނޭ ޓީމަކުން ތިރީގައިވާ ދާއިރާތަކުން ޚިދުމަތް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
- ކަށީގެ ބަލިތައް (އޮތޮޕީޑިކް) - ޑރ. މުހައްމަދު ހަބީބު އަދި ޑރ. އަލީ މުޒްނީ ހޭލުންތެރިކުރުވުން
- ނާރުގެ އޮޕަރޭޝަން (ނިއުރޯސާޖަރީ) - ޑރ. އަނީޝް މާން ސިންގް
- ހަމުގެ ބަލިތައް (ޑާމަޓޮލޮޖީ) - ޑރ. އަނޫ އަގަރްވާލް
- ހޯރމޯންގެ ބަލިތައް (އެންޑޯކްރިނޮލޮޖީ) - ޑރ. ޕަންކަޖް ޕަޓަވާރީ
- ފުއްޕާމޭގެ ބަލިތައް (ޕަލްމޮނޮލޮޖީ) - ޑރ. ނަޒްމީ ލަތީފް
- ކުޑަކަމުދާ ނިޒާމުގެ ބަލިތައް (ޔޫރޮލޮޖީ) - ޑރ. މެހެމެތު އޮޑާ
މި ކޭމްޕުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
މިއީ މ، ދ، ތ، ގއ، ގދ، ހއ އަދި ލ އަތޮޅުގައި ކާމިޔާބުކަމާއެކު ހިންގުނު ޕްރޮގްރާމްތަކަށްފަހު، ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމުކުރާ 17 ވަނަ ހެލްތު ކޭމްޕެވެ.
މި ކޭމްޕުގައި ބައިވެރިވުމަށް މިމަހުގެ 9 ގެ ކުރިން އެޕޮއިންޓްމަންޓް ހެއްދުމަށް ވަނީ ހުޅުވާލާފަ އެވެ. 6540061 ނަންބަރަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެއް ތަނެވެ. މި ހޮސްޕިޓަލުގެ އަމާޒަކީ ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކޮށް، ސިއްހީ ހިދުމަތަށް ކުރާ ހަރަދު ކުޑަކޮށްދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ ތަޖުރިބާކާރު ޑޮކްޓަރުންނާއި، އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޒަމާނީ ލެބޯޓްރީ ވަސީލަތްތަކާއެކު ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.
ޓްރީ ޓްޕޮ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351630 ނަންބަރަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބޭނެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ވަކިކޮށްފި
އީރާނުގައި ގެއްލުނު އެމެރިކާގެ އަސްކަރީ އޮފިސަރު ސަލާމަތް ކޮށްފި