މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ދަޑިމަގު ދާއިރާގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ވާދަކުރި ދެ ކެންޑިޑޭޓުން ވެސް އެއްވަރުވެއްޖެ އެވެ.

ޖުމްލަ ނަތީޖާ އިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އަބްދުލްގާދިރަށް ލިބިފައި ވަނީ 484 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ޝީޒާ އިބްރާހީމަށް ވެސް ލުބުނީ 484 ވޯޓެވެ. އިތުރު ކެންޑިޑޭޓަކު އެ ދާއިރާއަށް ވާދަކޮށްފައެއްނުވެ އެވެ.

އައިޝަތު އަބްދުލްގާދިރަކީ މިހާރުވެސް ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރެކެވެ.

ޝީޒާ އިބްރާހީމް

ފުވައްމުލަކުގެ އެހެން ހުރިހާ ދާއިރާތަކެއްގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ވަނީ ބޮޑުފަތާތަކުން ކާމިޔާބުކޮށްފަ އެވެ. އެގޮތުން މިހާރުގެ މޭޔަރު އިސްމާއީލް ރަފީގު ވަނީ 63.92 ޕަސެންޓް ވޯޓުން ދެވަނަ ދައުރެއް ކަށަވަރުކުރައްވާފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓް އަލީ މަސީހަށް ލިބުނީ 36.8 ޕަސެންޓް ވޯޓެވެ.

ދަޑިމަގުގެ ނަތީޖާ އެއްވަރުވުމުން ދެން ޖެހޭނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާށެވެ.