އަނބިމީހާއަށް އަނިޔާކޮށް މާރާމާރީ ހިންގި މީހަކު 21،600 ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ރ. އަތޮޅަށް ނިސްބަތްވާ އެ ފިރިހެން މީހާގެ ދައުވާ އުފުލީ ޖުލައި 28، 2011 އިން ފެށިގެން 2012 އޭޕްރީލް މަހާ ހިސާބަށް، އޭނާގެ އޭރުގެ އަނބިމީހާއާ ދެމެދު އެކި ދުވަސް މަތިން ހިނގާފައިވާ ދެބަސްވުންތަކުގައި، އަނބިމީހާއަށް އަނިޔާކޮށް މާރާމާރީ ހިންގިކަމުގެ ތުހުމަތުގަ އެވެ.

އެގޮތުން ދައުވާ އުފުލިފައިވާ މީހާ ވަނީ އޭނާގެ އަނބިމީހާގެ ގައިގެ އެކި ތަންތަނުގައި، އަތުންނާއި ފައިން ތަޅައި، މާރާމާރީ ހިންގާފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ މާރާމާރީގެ ދައުވާ އެވެ. ފިރިހެން މީހާ ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއަށް އިންކާރުކޮށްފަ އެވެ.

ޝަރީއަތުގެ މަޖިލީހުގެ ދައުލަތުން ބުނެފައި ވަނީ، އަނބިމީހާއަށް އަނިޔާކޮށްފައި ވަނީ ދެމީހުން ކައިވެނިކޮށްގެން ހޭދަވި އަށް މަހެއްހާ ދުވަހުގެ ތެރޭގައި، އެކުގައި ވަގުތު ހޭދަކޮށް ވާހަކަ ދެއްކުމަށް އަންހެން މީހާ އެދުމުން ކަމަށެވެ. އެގޮތުން ގައިގައި ތަޅާ، އިސްތަށިގަނޑުގައި ހިފައި، ކޮއްޕާ، ފައިން ޖެހުމުގެ އިތުރުން ބަނޑުމައްޗަށް އަރައި ކަރުގައި ހިފާފައިވާ ކަަމަށް ވެސް އަންހެން މީހާ ބުނެފައިވެ އެވެ.

އޭނާ ބުނީ ފިރިމީހާގެ އަނިޔާގެ ސަބަބުން އައިޖީއެމްއެޗްއިން އެތައް ފަހަރަކު ފަރުވާ ހޯދާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އަންހެން މީހާއަށް އަނިޔާކުރާ މަންޒަރު ފެނުނު ބަޔަކު ވަނީ ޝަރީއަތުގައި ހެކިބަސް ދީފަ އެވެ. އަދި އަންހެން މީހާއަށް އަނިޔާކުރާ ވަގުތު، އެގޮތަށް ކަންތައް ނުކުރުމަށް އެދި އޭނާ ރޯއަޑު އިވުނު މީހަކު ވެސް ވަނީ ހެކިބަސް ދީފަ އެވެ.

ދިފާއުގައި ހެކި ހުށަހަޅަން ބޭނުން ކަމަށް ފިރިހެން މީހާ ބުނި ނަމަވެސް، އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައެއް ނުވެ އެވެ. އެހެންކަމުން ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ބަލައިގެން ފިރިހެން މީހާގެ މައްޗަށް އުފުލި މާރާމާރީގެ ދައުވާ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ހުކުމުގައި އިތުރަށް ވަނީ ކުށުގެ އުގޫބާތެއްގެ ގޮތުން، އޭނާ 21،600 ރުފިޔާ އިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށެވެ.

އިތުރަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، މިހާރު އަމަލުކުރަމުންދާ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށަށް ދެވޭ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވެފައި، އޭނާ އަކީ ވަޒީފާ އަދާކުރާ މީހަކަށް ވާތީ، އަދަބުގެ ބާވަތް ޖޫރިމަނާ އަށް ބަދަލު ކުރީ ކަމަށެވެ.