މިފަހުން ރިލީޒްކުރި ލަވައަކާ ގުޅިގެން އިންޑިއާގެ އިދާރާއެއް ކަމަށްވާ ނެޝަނަލް ކޮމިޝަން ފޯ ވުމަން (އެންސީޑަބްލިއު) އިން ބޮލީވުޑްގެ މަޝްހޫރު ތަރި ނޯރާ ފަތޭހީއަށް އިންޒާރު ދީފި އެވެ.

ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ ކޭޑީ: ދަ ޑެވިލްގައި ހިމެނޭ "ސަރްކޭ ޗުނަރް ތެރީ"ގެ މައްސަލަ ބޮޑުވެފައިވަނީ އެ ލަވައިގެ ޅެމުގެ ސަބަބުންނެވެ.

އެ ލަވައިގެ ޅެމުގައި ބޭއަދަބީ މާނަ ދޭހަވާ އިބާރާތްތަކެއް ހިމަނާފައިވާ ކަމަށާއި ތަފާތު މަނާތައް ނެގޭ ގޮތަށް ވެސް އިބާރާތްތައް ހިމަނާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެގޮތުން އެ ޅެެމުގައި އަންހެނުންގެ އަބުރު ގެއްލުވާލާފަދަ އިބާރާތްތައް އެބަހުރި ކަމަށާއި އެފަދަ ޅެންތަކުން މުޖުތަމައުގައި އަންހެނުންނަށް ދެވޭ ގަދަރު ކުޑަވާނެ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.

އެންސީޑަބްލިއުއިން ނޯރާގެ އިތުރުން އެ ލަވައިން ފެނިގެންދާ ސުނިލް ދަތުއާއި ލަވައިގެ ޕްރޮޑިއުސަރުންނަށް ވެސް ވަނީ ނޯޓިސް ފޮނުވާފަ އެވެ.

އެ ނޯޓިސްގައި އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް ހާޒިރުވެ މައްސަލައަށް އެއްބާރުލުން ދިނުމަށް އަންގާފައިވެ އެވެ.