ޕާކިސްތާނުގައި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށާއި، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އީރާނުން ގޮވާލައިފި އެވެ.
އީރާނުގެ މި ނިންމުމާއެކު، މާދަމާ ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދެ ކަންތަކަކީ މީގެ ކުރިން އެމެރިކާއާއެކު އެއްބަސްވެވިފައިވާ ކަންތައްތަކެއް ކަމަށާއި، އެ ޝަރުތުތައް ފުރިހަމަ ނުވަނީސް މަޝްވަރާތައް ނުކުރެވޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވެސް ވަނީ މިމޭރުމުން ވާހަކަދައްކަވައި، އިޒްރޭލުން ލުބުނާނަށް ދެމުންދާ ވައިގެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. ޕާކިސްތާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ޤާލީބާފް އާއި އަރާގްޗީ ވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ވައިޓް ހައުސްއިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއު ޔޯކް ޕޯސްޓް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕާކިސްތާނުގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އީރާނަށް ހަމަލާދިނުމަށްޓަކައި އެމެރިކާގެ މަނަވަރުތަކަށް އެންމެ ފެންވަރު ރަނގަޅު ހަތިޔާރު އަރުވަމުންދާ ކަމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގަންނަވާ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، އީރާނުން އެމެރިކާއަށް އޮޅުވާލަން އުޅޭނަމަ، އެމެރިކާގެ ވަފުދުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ތެލާއި ގޭސް އެކްސްޕޯޓްކޮށްގެން އީރާނަށް ލިބެންޖެހޭ އެތައް ބިލިއަން ޑޮލަރެއް ބޭރުގެ ބޭންކުތަކުގައި ވަނީ ތާށިވެފަ އެވެ.
ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން
ހަ ހަފުތާއަށް ދެމިގެންދިޔަ ހަނގުރާމައަށްފަހު، ދެ ހަފުތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް އިއުލާނުކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާއި ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން މި އެއްބަސްވުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ހަމަލާތައް މެދުކެނޑުނު ނަމަވެސް، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ނުތަނަވަސްކަމެއް ގެނުވި ކަނޑުއޮޅީގެ ބްލޮކޭޑަށް ނިމުމެއް ނާދެ އެވެ. އަދި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައަށް ވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އިޒްރޭލާއި އެމެރިކާއިން ބުނަމުންދަނީ ލުބުނާނުގައި ހިޒްބުالله އާ ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ މިހާރު އޮތް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއް ނޫން ކަމަށެވެ. ލުބުނާނުގެ އިދާރާތަކުން ބުނާ ގޮތުގައި، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން އިއުލާނުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ލުބުނާނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1,830 އަށް އަރާފަ އެވެ.
އީރާނުގެ ހަރުކަށި އުސޫލު
މަޝްވަރާތަކުގެ ކުރިން އީރާނުގެ އާ ސްޕްރީމް ލީޑަރު މުރްޝިދު އާޔަތުالله މުޖުތަބާ ޚާމަނާއީ ވަނީ ހަރުކަށި މެސެޖެއް ދެއްވާފަ އެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު އަވަހާރަވި އޭނާގެ ބައްޕާފުޅުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަދި އާންމުންގެ ކުރިމައްޗަށް ވަޑައިނުގަންނަވާ މުޖުތަބާ ވިދާޅުވީ، ހަނގުރާމައިގައި ލިބުނު ހުރިހާ ގެއްލުމަކަށް އީރާނުން ބަދަލު ހޯދާނެ ކަމަށެވެ.
ޓްރަމްޕް ހަނގުރާމައިން މޮޅުވިކަން އިއުލާނުކުރެއްވި ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާއި، އެގައުމުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމަށް އެމެރިކާއިން ހިފި އަމާޒުތައް ހާސިލުވެފައިވާކަމަކަށް ނުފެނެ އެވެ. އީރާނުގެ އަތުގައި އަދިވެސް އަވަށްޓެރި ގައުމުތަކަށް ހަމަލާދެވޭ ފަދަ މިސައިލާއި ޑްރޯން އެބަހުއްޓެވެ.
މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ބޭނުންވަނީ އެގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އެގައުމަށް ދިނުމަށެވެ. ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު، މީގެ ސަބަބުން މުދަލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.
ޝޫޓިންގެ ތެރެއިން އަކްޝޭއަށް އަނިޔާވެއްޖެ
އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ މާދަމާ ފަށަނީ
ބީއެމްއެލްގެ އެހީގައި އެތުލީޓުންނަށް އިތުރު ފުރުސަތުތަކެއް