ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކިކޮށްފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ރައީސް އޮފީހުން މިރޭ ވަނީ ޒަހާއަށް އެކަން އަންގާފަ އެވެ. އެކަން އެންގީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ޒަހާއަށް ގުޅުއްވަ އެވެ.

މާދަމާގެ ވަގުތެއްގައި ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ޒަހާ އައްޔަން ކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ. ޒަހާ މަގާމުން ވަކިކޮށްފައި ވަނީ އޭނާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.

ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މީގެކުރިން މަސައްކަތްކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ދެން ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރަން ހަމަޖެހިފައި ވަނީ އެންވާރަމެންޓް މިނިސްޓަރު ކަމުގެ މަގާމުގއި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ޒަހާ އަކީ އެމްއާރްއެމަށް ނިސްބަތްވާ ބޭފުޅެކެވެ.