ހޮލީވުޑްގެ ފިލްމު "ރަސްޓް"ގެ ސެޓުގައި ހިނގި ހިތާމަވެރި ހާދިސާއަށްފަހު އެ ފިލްމުގެ އެކްޓަރު އެލެކް ބޯލްޑްވިން ފިލްމީ ދާއިރާއިން ރިޓަޔާ ކުރަން ބޭނުންވާކަން ހާމަކޮށްފި އެވެ.

2021 ވަނަ އަހަރު ހިނގި މި ހާދިސާއަށްފަހު ކުރިމަތިވި ނަފްސާނީ އަދި ގާނޫނީ ގޮންޖެހުންތަކާ ގުޅިގެން، އެލެކް މިހާރު ބޭނުންވަނީ އޭނާގެ ބާކީ އޮތް ދުވަސްތައް އާއިލާއާއެކު ގޭގައި ހޭދަކުރުމަށް ކަމަށް އޭނާ ބުނެ އެވެ.

"ދެން މަސައްކަތް ކުރާކަށް ބޭނުމެއް ނޫން" މިދިޔަ ހަފުތާގައި "ދަ ހޮލީވުޑް ރިޕޯޓާ"ގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން، އުމުރުން 68 އަހަރުގެ އެލެކް ބުނީ "ރަސްޓް" ހާދިސާއަކީ އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި ކަމެއް ކަމަށެވެ.

އެގޮތުން މި ހާދިސާގެ ސަބަބުން އޭނާގެ ދިރިއުޅުމުން 10 އަހަރު ފޮހެވިގެން ގޮސްފައިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ދެން ބޭނުމެއް ނޫން މަސައްކަތް ކުރާކަށް. އަހަރެން ބޭނުމީ ރިޓަޔާ ކުރަން. އަހަރެންގެ ދަރިންނާއެކު ގޭގައި މަޑުކުރަން،" އެލެކް ވަރަށް ސީދާ އިބާރާތުން ބުންޏެވެ.

އެލެކް ހާމަކުރި ގޮތުގައި، ޝަރީއަތުގެ ދުވަސްވަރު އޭނާގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ލޭގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން ބޮލަށް އެނބުރުން އަރައި، ތިން ފަހަރެއްގެ މަތިން ހޭނެތިގެން ވެއްޓުނު ކަމަށް އޭނާ ކިޔައިދިނެވެ.

އެއާއެކު މި ހާދިސާއާ ގުޅިގެން އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކާއި، ދައުވާތަކުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

"ރަސްޓް" ފިލްމުގެ ސެޓުގައި ހިނގި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ހޮލީވުޑްގައި ހިނގި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަހުސްތަކެއް ކުރެވުނު އެއް ހާދިސާ އެވެ.

އެ ފިލްމުގެ މަންޒަރަކަށް ފަރިތަ ކުރުމުގެ ތެރޭގައި އެލެކް އަތުގައި އޮތް ބަޑިއަކުން ނުކުތް ވަޒަނެއް އަރައި ފިލްމުގައި ހަރަކާތްތެރިވި އޮފިޝަލެއް މަރުވިއިރު އިތުރު އޮފިޝަލަކު ޒަހަމްވެސްވި އެވެ.

އެލެކް "އެކްޓިން" އިން ރިޓަޔަރ ކުރި ނަމަވެސް، އޭނާގެ އާއިލާގެ ރިއަލިޓީ ޝޯ "The Baldwins" އިން އަދިވެސް ފެނުމުގެ ފުރުސަތު އެބަ އޮތެވެ.