ލޮސް އެންޖެލިސްގައި ހުންނަ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑައިލަން ސްޕްރައުސްގެ ގެއަށް ހުއްދަނެތި ވަން މީހަކު، އޭނާ އަމިއްލައަށް ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. ޑައިލަންގެ ގެއަށް މީހަކު ވަދެ އުޅޭކަން އެނގުމުން، އޭނާ ވަނީ ވަގުތުން އެ މީހާ ކޮންޓްރޯލްކޮށް، ފުލުހުން އެ ސަރަހައްދަށް އަންނަންދެން ބިންމައްޗަށް ވައްޓާލައިގެން ހިފަހައްޓާފަ އެވެ.

ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓުން މައުލޫމާތު ދޭގޮތުގައި، ފުލުހުން އެ ގެއަށް ދިޔައިރު ޑައިލަން ހުރީ އެ މީހާ ހިފަހައްޓައިގެންނެވެ. ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށް، ވައްކަން ކުރަން އުޅުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފަ އެވެ.

މި ހާދިސާ ހިނގިއިރު ޑައިލަންއާއެކު އޭނާގެ އަންހެނުން، މަޝްހޫރު މޮޑެލް ބާބަރާ ޕަލްވިން ވެސް ގޭގައި އުޅުނު ކަމަށްވެ އެވެ. ނަމަވެސް މި ހާދިސާގައި ޑައިލަންއަށް ނުވަތަ އޭނާގެ އާއިލާގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ޑައިލަން ސްޕްރައުސް އަކީ ކުޑައިރުއްސުރެ "ދަ ސުއީޓް ލައިފް އޮފް ޒެކް އެންޑް ކޯޑީ" ފަދަ ޑިޒްނީގެ ސިލްސިލާތަކުން ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ޑައިލަން ދެއްކި ހިތްވަރަށް ތައުރީފު ކުރަމުންނެވެ.