ފިލްމު 'ހަޤް' ގެ ރޯލަށް ފިލްމްގެ ބަތަލާ ޔާމީ ގޯތަމް ގްރުއާން ދަސްކުރި ކަމަށް އެ ފިލްމްގެ ޑައިރެކްޓަރު ސުޕަރްން އެސް ވަރުމާ ބުނެފި އެވެ.
ޔާމީ ގޯތަމް އާއި އިމްރާން ހާޝްމީ މުހިންމު ބައިތަކުން ފެނިގެންދާ މި ފިލްމަކީ، އޭގެ ވާހަކަ ކިޔައިދީފައިވާ ގޮތަށާއި އިޖުތިމާއީ މުހިންމު މައްސަލަތަކަށް އަލިއަޅުވާލާފައިވާ މިންވަރަށް ބަލައި ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ އުފެއްދުމެކެވެ.
ފިލްމުގެ ފެންވަރު ހިފެހެއްޓުމަށާއި ހަގީގަތާ އެއްގޮތަށް ކަންކަން ގެނެސްދިނުމަށްޓަކައި ކުރި ބުރަ މަސައްކަތުގެ ތަފުސީލުތައް ޑައިރެކްޓަރު ސުޕަރްން ވަނީ ދާދިފަހުން ހިއްސާކޮށްފަ އެވެ.
ބީބީސީ އޭޝިއަން ނެޓްވޯކާ ވާހަކަދައްކަމުން ޑައިރެކްޓަރު ވަނީ، މި ފިލްމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރި ދިރާސާތަކާއި، ބަތަލާ ޔާމީ ގޯތަމް އޭނާގެ ރޯލަށް ތައްޔާރުވުމަށް ދިން އަހައްމިއްޔަތުކަން ފާހަގަކޮށްފަ އެވެ.
'ހަޤް' އަށް ޔާމީ ގޯތަމްގެ ތައްޔާރުވުން
ސުޕަރްން ވަރުމާ ހާމަކުރި ގޮތުގައި، ޔާމީ ވަނީ އޭނާ ކުޅޭ ކެރެކްޓަރުގެ މާހައުލާއި އުޅުން ދެނެގަތުމަށްޓަކައި ދީނީ ފޮތްތައް ކިޔުން ހިމެނޭހެން ވަރަށް ފުޅާ ދާއިރާއެއްގައި ތައްޔާރުވެފަ އެވެ. އިސްލާމީ ޝަރީއަތް ދެނެގަތުމަށްޓަކައި އަހަރެމެން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަކުރިން އޭނާ ބުންޏެވެ. މީގެ އިތުރުން، މި ރޯލަށްޓަކައި ޔާމީ ކީރިތި ގުރުއާން އުނގޭނިފައިވާކަން ވެސް ޑައިރެކްޓަރު ފާހަގަކުރި އެވެ.
މި ފިލްމުގައި ޔާމީ ކުޅެނީ 1970 ގެ އަހަރުތަކުގައި އިންޑިއާގައި އަމިއްލަ އަދި ގާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާ އަންހެނެއް ކަމަށްވާ 'ޝާޒިއާ ބާނޯ' ގެ ރޯލެވެ.
ޑައިރެކްޓަރު އިތުރަށް ބުނި ގޮތުގައި، މިހާރުގެ ހާލަތަށް ބަލާއިރު ފިލްމުގެ ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ. "ކޮންމެ މީހެއްގެ އަތުގައި ވެސް މައުލޫމާތު އެބަހުރި، ނަމަވެސް އޭގެ ސައްހަކަމެއް ނޭނގޭ. އެފަދަ މާހައުލެއްގައި، 'ހަޤް' އަކީ ހަމަޖެހޭ އަދި ސައްހަ މައުލޫމާތު ގެނެސްދޭނެ ފިލްމަކަށް ހެދުމަށް އަހަރެން ބޭނުންވި،" އޭނާ ބުންޏެވެ.
ޖަންގްލީ ޕިކްޗާސް، އިންސޮމްނިއާ ފިލްމްސް އަދި ބަވޭޖާ ސްޓޫޑިއޯސް ގުޅިގެން އުފައްދާފައިވާ މި ފިލްމަކީ ޖިންސީ ހަމަހަމަކަމާއި، އިންސާފާއި، އަދި އިންސާނީ ކަރާމާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ޝާޒިއާގެ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރުމަށްފަހު އޭނާއަށް ހަރަދު ދިނުމަށް އިންކާރު ކުރުމުން، އިންސާފު ހޯދުމަށް ޝާޒިއާ ކޯޓަށް ދާ ދިއުމުގެ މައްޗަށެވެ.
ނޮވެމްބަރު 2025 ގައި ސިނަމާތަކުގައި ރިލީޒްކުރުމަށްފަހު، ޖެނުއަރީ 2، 2026 ގައި އޯޓީޓީ ޕްލެޓްފޯމަށް ނެރުމާއެކު މި ފިލްމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
"ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ނަސީބުވެރި ފަރާތް ހޮވައިފި
އުފާވެރި ކައިވެންޏެއްގެ ސިއްރު އަބީޝޭކް ބުނެދީފި