ލުބުނާނާއި އިޒްރޭލާ ދެމެދު އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރު ތިން ހަފުތާއަށް އިތުރުކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އިއުލާނުކުރައްވައިފި އެވެ.

ވައިޓް ހައުސްގައި ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުމަކަށްފަހު، އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ މި މަޝްވަރާތަކުގެ ދެވަނަ ބުރުގައި، ޓްރަމްޕް ވަނީ ވޮޝިންޓަންގައި ހުންނަ އިޒްރޭލުގެ ސަފީރު ޔެޗިއެލް ލެއިޓާ އާއި ލުބުނާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނާދާ މުއައްވަދުއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުން ބާއްވާފައި މިވަނީ، އިޒްރޭލުން ދިން ހަމަލާތަކެއްގައި ނޫސްވެރިއަކާއެކު ފަސް މީހުން މަރުވިތާ އެއް ދުވަސް ފަހުންނެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ވިދާޅުވީ، ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި، ހިޒްބުﷲގެ ކިބައިން ރައްކާތެރިވުމަށް ލުބުނާނަށް އެހީތެރިވުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށެވެ. އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރާ، އީރާނަށް ތާއީދުކުރާ ހިޒްބުﷲ ޖަމާއަތުން މި މަޝްވަރާތަކުގައި ބައިވެރިއެއް ނުވެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ ބައްދަލުކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލާފައިވާ މި ތިން ހަފުތާގެ ތެރޭގައި ދެ ގައުމުގެ ވެރިން ބައްދަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީ އަދި ލުބުނާނަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު މިޝޭލް އީސާ ބައިވެރިވެވަޑައިގަތެވެ.

ދެ ގައުމުގެ ސަފީރުންގެ މެދުގައި މިދިޔަ ހަފުތާގައި ބޭއްވުނު މަޝްވަރާތަކަށްފަހު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާނެ އެވެ. މި އެއްބަސްވުމުގެ ސަބަބުން ހަމަނުޖެހުންތައް ވަރަށް ބޮޑަށް މަދުވެފައިވީ ނަމަވެސް، އިޒްރޭލު ސިފައިން ވަދެފައިވާ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ހަމަލާތައް ދަނީ ކުރިއަށެވެ.

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމުގެ ބޭނުމުގައި ބައްދަލުވުމަށް ވަޑައިގެންނެވި ސަފީރު މުއައްވަދު ވަނީ މަޝްވަރާތަކަށް ފުރުސަތު ދެއްވީތީ ޓްރަމްޕަށް ޝުކުރު އަދާކުރައްވާފަ އެވެ.

ލުބުނާނުގެ އޮފިޝަލަކު ކުރިން ވިދާޅުވި ގޮތުގައި، މަޝްވަރާތަކުގެ ކުރިއަށް އޮތް މަރުހަލާގައި އިޒްރޭލު ސިފައިން ލުބުނާނުގެ ބިންތަކުން ފޭބުމަށާއި، އިޒްރޭލުގައި ބަންދުކޮށްފައިވާ ލުބުނާނުގެ ރައްޔިތުން މިނިވަންކުރުމަށާއި، ދެ ގައުމުގެ ބޯޑަރު ކަނޑައެޅުމަށް ބޭރޫތުން ބާރުއަޅާނެ އެވެ.

ލުބުނާނުގެ ސަރުކާރާއެކު ގުޅުން ބަދަހިކޮށް، ހިޒްބުﷲގެ ހަތިޔާރު އަތުލުމަށް އިޒްރޭލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޒްބުﷲއާ ދެކޮޅަށް ލުބުނާނަށް އެމެރިކާއިން އެހީތެރިވާނީ ކިހިނެއްތޯ ސުވާލުކުރުމުން، ޓްރަމްޕް ތަފްސީލެއް ނުދެއްވަ އެވެ. ނަމަވެސް ލުބުނާނާއެކު ވަރަށް ރަނގަޅު ގުޅުމެއް އޮތް ކަމަށާއި، ހިޒްބުﷲގެ ހަމަލާތަކުން ދިފާއުވުމުގެ ފުރުސަތު އިޒްރޭލަށް އޮންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، އިޒްރޭލާއެކު ގުޅުން ބޭއްވުން މަނާކުރާ ލުބުނާނުގެ ގާނޫނުތައް އުވާލުމަށްވެސް ޓްރަމްޕް ގޮވާލެއްވި އެވެ.

އެއްބަސްވުމަށްފަހު އެންމެ ގިނަ މީހުން މަރުވި ދުވަސް

އިޒްރޭލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނީ، ލުބުނާނުގެ ދެކުނުން ސިފައިންނަށް ނުރައްކާވާ ފަދަ ގޮތަކަށް ހަރަކާތްތެރިވި ހަތިޔާރު އެޅި ދެ މީހަކު މަރާލާފައިވާ ކަމަށެވެ.

މި ހާދިސާއަކީ ލުބުނާނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރި ހަމަލާތަކާ ގުޅުންހުރި ކަމެއްކަން އަދި ސާފެއް ނުވެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ތިން މީހުން މަރުވެފައިވާ ކަމަށާއި، ބަޑީގެ ހަމަލާތަކުގައި ކުޑަކުއްޖަކާއެކު ދެ މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

މިއީ އޭޕްރިލް 16 ގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ހިނގަން ފެށިފަހުން، މިދިޔަ ބުދަ ދުވަހަކީ ލުބުނާނުގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މަރުވި މީހުންގެ ތެރޭގައި ލުބުނާނުގެ ނޫސްވެރިއެއް ކަމަށްވާ އަމަލް ހަލީލް ހިމެނޭ ކަމަށް އަސްކަރީ އޮފިޝަލުންނާއި 'އަލް-އަޚްބާރު' ނޫހުން ކަށަވަރުކޮށްދެ އެވެ. އިޒްރޭލުން ބުނެފައިވަނީ އެމީހުން އަމާޒުކުރީ ހިޒްބުﷲގެ އުޅަނދުތަކަކަށް ކަމަށާއި، ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާނުދޭ ކަމަށެވެ.

ހިޒްބުﷲގެ މެންބަރު ހަސަން ފަޟްލަﷲ ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އެ ޖަމާއަތުން އިހުތިރާމް ކުރާނީ އިޒްރޭލުންވެސް އެއަށް ފުރިހަމައަށް އަމަލުކުރާނަމަ ކަމަށެވެ. އަދި އިޒްރޭލާއެކު ސީދާކޮށް ބާއްވާ ހުރިހާ މުއާމަލާތްތަކެއް ހުއްޓާލުމަށް އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ.

މިދިޔަ މާޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހަމަލާތައް ވަނީ ވަރުގަދަވެފަ އެވެ. ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި މުއްދަތުގެ ތެރޭގައި 2،500 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުން މިހާރު ވަނީ ލުބުނާނުގެ ދެކުނުގެ 5 އާއި 10 ކިލޯމީޓަރުގެ ސަރަހައްދެއް ހިފާފަ އެވެ. އިޒްރޭލުން ބުނަނީ މިއީ އެ ގައުމުގެ އުތުރުގެ ރަށްތައް ހިޒްބުﷲގެ ރޮކެޓް ހަމަލާތަކުން ސަލާމަތްކުރުމަށްޓަކައި ހެދި "ބަފާ ޒޯން" އެއް ކަމަށެވެ. އަދި ލުބުނާނުގެ ދެކުނުގެ ރައްޔިތުން އެ ސަރަހައްދަށް ނުވަނުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ.