މިއަދުގެ ބިޒީ ދިރިއުޅުމުގައި، އަބަދު ވަރުބަލިވުމާއި ލޮޑުކަން އިހުސާސްވުމަކީ އާންމުކޮށް ނިދިމަދުވުމުގެ ނުވަތަ ސްޓްރެސްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެމެވެ. ނަމަވެސް، މިއީ މާ ސީރިއަސް ކަމެއްގެ ނިޝާނަކަށް ވެދާނެ ހެއްޔެވެ؟ އިންޑިއާގެ އާކާޝް ހެލްތު ކެއާގެ އޯތޮޕެޑިކްސް އެންޑް ޖޮއިންޓް ރިޕްލޭސްމަންޓްގެ ޑައިރެކްޓަރު ޑރ. އާޝިޝް ޗައުދަރީ ވިދާޅުވާ ގޮތުގައި، ގިނަ ބަޔަކަށް އެމީހުންގެ ހަށިގަނޑުގައި ވިޓަމިން ޑީ މަދުކަން ނޭނގި ތިބެނީ އޭގެ ކުރީކޮޅުގެ އަލާމާތްތަކަކީ އާދައިގެ ކަންކަން ކަމަށް ބެލެވޭތީ އެވެ.
އަބަދު ހަކަތަ ދަށްވެފައި ހުރުން
ވިޓަމިން ޑީ މަދުވުމުގެ އެންމެ ކުރީގެ އެއް އަލާމާތަކީ ކިތަންމެ ވަރަކަށް އަރާމުކުރި ނަމަވެސް، ވަރުބަލިކަން ފިލައިގެން ނުދިއުމެވެ. ގިނަ މީހުންނަށް ހީވަނީ މިއީ މަސައްކަތް ގިނަވުމުން ވާކަމެއް ކަމަށެވެ. އެކަމަކު އެކަށީގެންވާ ވަރަށް ނިދި ލިބިގެންވެސް އަބަދު ވަރުބަލިކަން އިހުސާސްވާނަމަ، އެއީ ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ.
މަސްތަކުގައި ވަރުނެތުން
ސަބަބެއް ނެތި މަސްތަކުގައި ވަރުނެތްކަން އިހުސާސްވުމަކީވެސް ފާހަގަކުރަންޖެހޭ ކަމެކެވެ. ހާއްސަކޮށް ފަލަމަސްގަނޑާއި ބުރަކަށީގެ ތިރީގެ މަސްތަކުގައި ބަރުކަމެއް ނުވަތަ ވަރުނެތްކަން ހުރެދާނެ އެވެ. މިއީ އުމުރުން ދުވަސްވުމުން ނުވަތަ ކަސްރަތު ނުކުރުމުން ދިމާވާ ކަމެއް ކަމަށް ބެލެވުނު ނަމަވެސް، މަސްތަކުގެ މަސައްކަތްތަކަށް ވިޓަމިން ޑީއަކީ ވަރަށް މުހިންމު މާއްދާއެކެވެ.
ހަށިގަނޑާއި ކަށިތަކުގައި ރިއްސުން
މުޅި ހަށިގަނޑުގައި ރިއްސުމާއި، ހުޅުތައް ގަނޑުވުން ނުވަތަ ކަށިތަކުގައި ހުންނަ ރިހުމަކީ ގިނަ ފަހަރަށް އިށީނދެގެން އިންނަ ގޮތުން ނުވަތަ ޖިސްމާނީ ބުރަ މަސައްކަތުން ދިމާވާ ކަމެއް ކަމަށް ހީކުރެވެއެވެ. "ވިޓަމިން ޑީއަކީ ކެލްސިއަމް ހަށިގަނޑަށް ދަމައިގަތުމަށާއި ކަށީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި އެއްޗެއް،" ޑރ. ޗައުދަރީ ފާހަގަކުރެއްވި އެވެ.
އިސްތަށި ފޭބުމާއި މޫޑަށް ބަދަލުއައުން
މީހާ އަވަހަށް ރުޅިއައުން، ކަންކަން ކުރަން ފޫހިވުން ނުވަތަ މާޔޫސްވުން ފަދަ މޫޑަށް އަންނަ ބަދަލުތަކަކީ ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ. މީގެ އިތުރުން، އިސްތަށި ފޭބުން އިތުރުވުމަކީވެސް މިކަމުގެ ނިޝާނަކަށް ވެދާނެ އެވެ.
އަވަސް އަވަހަށް ބަލިވުން
ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުމަކީ ވިޓަމިން ޑީ މަދުވުމުގެ ރެޑް ފްލެގް ނުވަތަ އިންޒާރެކެވެ. އަވަސް އަވަހަށް ރޯގާޖެހުމާއި، ބަލިވުމުން ފަސޭހަވާން ގިނަ ދުވަސް ނަގާނަމަ، އެއީ ހަށިގަނޑުގައި ވިޓަމިން ޑީ ހުރި މިންވަރު ދަށްވުމާ ގުޅުންހުރި ކަމަކަށް ވެދާނެ އެވެ.
އާދައިގެ ވަރުބަލިކަމާއި ތަފާތުވަނީ ކިހިނެއް؟
ޑރ. ޗައުދަރީ ވިދާޅުވާ ގޮތުގައި، ވިޓަމިން ޑީ މަދުވުމުން ކުރިމަތިވާ ވަރުބަލިކަމަކީ އަބަދު ހުންނަ، އަދި އަރާމުކޮށްގެން ފިލައިގެންދާ ކަމެއް ނޫނެވެ. މީގެ އިތުރުން މަސްތަކާއި ހުޅުތަކުގައި ރިއްސުމާއި، ދިރިއުޅުމުގެ އާންމު ކަންކަން ކުރުމަށް ބޭނުންވާ ހަކަތަ ނެތުން ފަދަ ކަންކަން މީގައި ހިމެނެ އެވެ.
އެންމެ ބޮޑަށް ނުރައްކާ އޮތީ ކޮން ބަޔަކަށް؟
އަވީގައި އުޅޭ މިންވަރު މަދު މީހުންނާއި، ގޭތެރޭގައި ނުވަތަ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށް މި ނުރައްކާ ބޮޑެވެ. މީގެ އިތުރުން:
- އުމުރުން ދުވަސްވީ މީހުން (އިސްތަށިގަނޑާއި ހަންގަނޑުން ވިޓަމިން ޑީ އުފައްދައިދޭ މިންވަރު މަދުވުން).
- އަންހެނުން، ހާއްސަކޮށް މާބަނޑު ދުވަސްވަރު ނުވަތަ އިއްދައި ހަމަވާ ދުވަސްވަރު
- ކަޅު ހަންގަނޑެއް ހުންނަ މީހުން (އިރުގެ އަލިން ވިޓަމިން ޑީ އުފެއްދުމަށް ގިނަ ވަގުތު އަވީގައި އުޅެންޖެހުން).
މި އަލާމާތްތައް ދެތިން ހަފްތާއަށް ދެމިގެންދާނަމަ، ލޭގެ ޓެސްޓެއް ހަދައި ވިޓަމިން ޑީ ހުރި މިންވަރު ބެލުމަކީ ބުއްދިވެރި ގޮތެކެވެ. މިއީ ވަރަށް އާދައިގެ ޓެސްޓަކުން ކަށަވަރުކުރެވޭނެ ކަމެކެވެ.
ވިޓަމިން ޑީ މަދުން ހުންނަ ހާލަތްތަކުގައި، އަވީގައި އުޅުމާއި، ކާނާއަށް ބަދަލު ގެނައުމުން (މިސާލަކަށް ކިރުގެ ބާވަތްތައް، މަސް، އަދި ފޯޓިފައިޑް ފުޑްސް) ރަނގަޅު ކުރެވިދާނެ އެވެ. ނަމަވެސް މާ ބޮޑަށް މަދުނަމަ، އަމިއްލައަށް ބޭސް ބޭނުންކުރުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާގެ މަތިން ސަޕްލިމަންޓްސް ބޭނުންކުރުން މުހިންމެވެ. މިކަމަށް ފަރުވާނުދީ ލަސްކުރުމަކީ ކަށީގެ ބާރުދެރަވުމާއި ދިފާއީ ނިޒާމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ