މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް އާދަޔާހިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ. ރާއްޖޭގެ ހޫނުމިން މަތިވަމުންދާ މި ދަނޑިވަޅުގައި، މިއީ ހަމައެކަނި އުނދަގޫ އިހުސާސެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމެއްވެސްމެ އެވެ. އެހެންކަމުން، މި ގަދަ ހޫނުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ހޭލުންތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހޫނުގަދަވުމުން ދިމާވެދާނެ ސިއްހީ މައްސަލަތައް
ގަދަ އަވީގައި ގިނަވަގުތު އުޅުމަކީ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އޭގެ ތެރޭގައި:
- ބޮލުގައި ރިއްސުމާއި ބޯއެނބުރުން.
- އާދަޔާހިލާފަށް ވަރުދެރަވުން.
- އަކުނިވަޔަށްދެމުން.
- ލޮލަށް ގެއްލުން ލިބުން.
- ހަންގަނޑު ރަތްވެ، ފޮޅުނެގުން ނުވަތަ ކުދި ރަތް ބިޖި ނެގުން.
- ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުމާއި، ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން.
މިފަދަ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.
ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތައް
ހޫނުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވެދާނެ ފަރާތްތަކަކީ ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، އަދި ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުންނެވެ. މީގެ އިތުރުން ވަޒީފާގެ ގޮތުން އަވީގައި ގިނަވަގުތު އުޅެންޖެހޭ ފަރާތްތަކުންވެސް އިތުރަށް ސަމާލުވާންޖެހެ އެވެ.
ކުޑަކުދިންނަށް އޮތް ނުރައްކާ
ތުއްތު ކުދިންނާއި ކުޑަކުދިންނަށް އިރުގެ ދޯދިން ކުރާ އަސަރު މާ ބޮޑެވެ. އެހެންކަމުން:
- ހޫނުގަދަ ގަޑިތަކުގައި ކުދިން ބޭރަށް ނުގެންދާށެވެ.
- ގާތުން ކިރުދޭ ކުދިންނަށް ގިނައިން ކިރުދީ، 6 މަސް ފުރިފައިވާ ކުދިންނަށް ގިނައިން ފެން ނުވަތަ ދިޔާ ތަކެތި ދޭށެވެ. ގަޔަށް ދޫ، ތުނި ހެދުން ލައްވާށެވެ.
- ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
އިރުގެ ދޯދިންނާއި ހޫނުން ހަށިގަނޑު ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތައް:
- ހެނދުނު 10:00 އިން މެންދުރުފަހު 4:00 އާ ދެމެދު އަވީގައި އުޅޭ މިންވަރު ވީހާވެސް މަދުކުރާށެވެ.
- ފެން ބުއިން: ކަރުނުހިއްކި ނަމަވެސް ގިނަގިނައިން ފެން ބޯށެވެ. ނަމަވެސް ހަކުރު ގިނަ ބުއިންތަކާއި ކެފެއިން (ސައި، ކޮފީ) ހިމެނޭ ތަކެތި ބޭނުންކުރުން މަދުކުރާށެވެ.
- ހެދުން އެޅުން: ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ދޫ ހެދުން ލުމަށް އިސްކަންދޭށެވެ. ބޭރަށް ނުކުންނައިރު ކުޑަ ނުވަތަ ފުޅާ ތޮތްޕެއް ބޭނުންކުރާށެވެ.
- ލޯޝަނާއި އައިނު: އަވީގައި އުޅޭނަމަ އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުމާއި، ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ އަވިއައިނެއް އެޅުން މުހިންމެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި ދުވަސްވަރު މި ހުރިހާ ކަމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަމިއްލަ ސިއްހަތާއި އާއިލާގެ ސަލާމަތަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.
ބަޖެޓުން ހަރަދުކޮށްގެން މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަނީ
ރަޝިޔާއިން އީރާނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި
މަޖިލިސް މެމްބަރުން ކަސްތޮޅު އެޅުވި މައްސަލާގެ ހުކުމް ބުދަ ދުވަހު