ކުއިޒް ޝޯ "ވީލް އޮފް ފޯޗޫން" ގެ ކުރިއަށް އޮތް އެޕިސޯޑެއްގައި މެހުމާނެއްގެ ގޮތުގައި މަޝްހޫރު ބޮލީވުޑް ބަތަލާ ޖެކްލިން ފެނަންޑޭޒް ފެނިގެންދާނެ އެވެ. މި އެޕިސޯޑުގެ ޕްރޮމޯ މިހާރު އާންމުކޮށްފައިވާއިރު، އޭގައި ޖެކްލިން ވަނީ "ހައުސްފުލް" ފިލްމުގެ "ދައްނޯ" ލަވަ ކުޅުނު ދުވަސްވަރު އަކްޝޭ ކުމާރު އޭނާއަށް ކުރި ސަމާސާއެއްގެ (ޕްރޭންކް) ވާހަކަ ހިއްސާކޮށްފަ އެވެ.

އެ ޝޯގެ ތެރެއިން އަކްޝޭ ޖެކްލިންއާ ސުވާލުކުރީ، ފިލްމީ ދާއިރާގައި 17 އަހަރު ހޭދަވެގެންދިޔައިރު، އެއްވެސް މީހެއްގެ ފަރާތުން ނުރަނގަޅު ނުވަތަ ބޭއަދަބީ ކަމެއް ކުރިމަތިވިތޯ އެވެ. އެންމެން ހައިރާންކޮށްލުމަށްފަހު، ހިނިތުންވުމާއެކު ޖެކްލިން ޖަވާބުދިނީ ވަރަށް ގިނަ ފަހަރު އެފަދަ ކަންކަމާ ދިމާވެފައިވާ ކަމަށެވެ.

އެކަމުގެ ތަފްސީލަށް އަކްޝޭ އެދުމުން، ޖެކްލިން ވަނީ "ހައުސްފުލް" ސެޓުގައި ހިނގި ކަމެއް ކިޔައިދީފަ އެވެ. ޖެކްލިން ބުނި ގޮތުގައި، އޭނާގެ ފުރަތަމަ އައިޓަމް ލަވަ "ދައްނޯ" ކުޅުނުއިރު، އަކްޝޭ އޭނާއަށް ވަރަށް ހިތްދަތި ސަމާސާއެއް ކުރިކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ބޮޑު ބިރުވެރިކަމެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި، އެ ދުވަހު ސެޓުގައި ވަރަށް ގިނަ ސެކިއުރިޓީންނާއި ބޮޑީގާޑުން ތިއްބެވެ. އެއީ ފުލުހުން ކަމަށް ހީކޮށް، އެހާ ގިނަ ސެކިއުރިޓީން ތިބީ ކީއްވެގެންތޯ އޭނާ އާދައިގެ ގޮތަކަށް ސުވާލުކުރި ކަމަށެވެ. އިރުކޮޅަކުން އަކްޝޭ އައިސް ޖެކްލިން ކައިރީ ބުނީ، ޖެކްލިން އަށް އެއްވެސް ގޯސް ކަމެއް ކުރެވިފައި އެބައޮތްތޯއާއި ފުލުހުން އެ އައީ އޭނާ ހޯދަން ކަމަށެވެ. ޝޫޓިން ނިމުމުން ކަލޭ ޕޮލިސް ސްޓޭޝަނަށް ގެންދާނެ ކަމަށްވެސް އަކްޝޭ ބުންޏެވެ.

ޖެކްލިން އިތުރަށް ބުނި ގޮތުގައި، މުޅި ލަވަ ޝޫޓްކޮށް ނިމުނުއިރުވެސް އޭނާ ހުރީ އިންތިހާއަށް ބިރުގެންފަ އެވެ. އަދި އޭނާއަށް ކުރެވުނީ ކޮން ކުށެއްކަން ނޭނގި، މުޅި ޝޫޓިންގެ ތެރޭގައި ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފަ އެވެ.