އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑޭވިޑް އެންތަނީ ބާކް، އުމުރުން ހަގު އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލުމަށްފަހު، އެ ކުއްޖާގެ ހަށިގަނޑު ނައްތާލުމަށްޓަކައި ކަރަންޓު ކީހާއި އެހެނިހެން ސާމާނު އޮންލައިންކޮށް ގަނެފައިވާ ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފި އެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުގެ ލިޔުންތަކުން ހާމަވާގޮތުގައި، އުމުރުން 14 އަހަރުގެ ސެލެސްޓޭ ރިވާސް ހެނާންޑޭޒްގެ ހަށިގަނޑު ބައިބައިކޮށްލާފައި އޮއްވާ އޭނާގެ ކާރުގެ ތެރެއިން ފެނުމުގެ ކުރިން، ކުށުގެ ހެކި ފޮރުވުމަށްޓަކައި ޑޭވިޑް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، އޭނާ ސެލެސްޓޭއާ ފުރަތަމަ ބައްދަލުވީ އެ ކުއްޖާގެ އުމުރުން އެންމެ 11 އަހަރުގަ އެވެ. އަދި އޭނާގެ އުމުރުން 13 އަހަރުން ފެށިގެން، 18 އަހަރުގެ ޑޭވިޑް އޭނާއަށް ޖިންސީ ގޯނާކުރަން ފެށިކަމަށް ތުހުމަތުކުރެވެ އެވެ. މި ހާދިސާ ހިނގުމުގެ ކުރިން، އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ފަޅާއަރުވާލައި، އޭނާގެ ކެރިއަރު ދުއްވާލާނެ ކަމަށް ބުނެ އެ ކުއްޖާ މެސެޖުކޮށް އިންޒާރު ދީފައިވާ ކަމަށްވެސް ލިޔުންތަކުގައިވެއެވެ.

ޑޭވިޑް މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށް، ކުށަށް އިއުތިރާފެއް ނުވެއެވެ. އޭނާގެ ވަކީލުން ބުނަމުންދަނީ އޭނާގެ މައުސޫމްކަން ސާބިތުކޮށްދިނުމަށް ވަރުގަދައަށް މަސައްކަތް ކުރާނެ ކަމަށާއި، ހެކިތަކުން އޭނާ އެ ކުއްޖާ މަރާނުލާކަން ހާމަވާނެ ކަމަށެވެ.

ބުދަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރުކުރެވުނީ އޮރެންޖު ކުލައިގެ ޖަލު ހެދުމުގައި އެވެ. ފަނޑިޔާރު ކުރެއްވި ސުވާލުތަކަށް އޭނާ ދިނީ ކުރު ޖަވާބުތަކެކެވެ.

ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، އޭނާ އެ ކުއްޖާ މަރާލީ އޭނާގެ އަމިއްލަ ގޭގަ އެވެ. އަދި އޭގެ ފަހުން އޮންލައިންކޮށް ފޭކު ނަމެއް ބޭނުންކޮށްގެން ދެ ކަރަންޓު ކީހާއި، އިންފްލޭޓަބަލް ޕޫލެއްގެ އިތުރުން، ހަށިގަނޑު އަޅާ ކޮތަޅު ގަނެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. މީގެ އިތުރުން ހެކިތައް އަންދާލުމަށްޓަކައި "ބާން ކޭޖް" އެއް ހޯދައި، ކުށުގެ ހެކި ނައްތާލުމަށް އޭނާ ރާވާފައިވާ ކަމަށްވެސް ތުހުމަތު ކުރެވެއެވެ.

މި ހާދިސާ ހިނގި ދުވަސްވަރު، ޑޭވިޑް ވަނީ އެ ކުއްޖާ އޭނާގެ ގެއަށް ގެނައުމަށްޓަކައި ޓެކްސީ އެއް ފޮނުވާފަ އެވެ. އަދި އެ ކުއްޖާ މަރާލުމަށްފަހު، އެކަން ފޮރުވުމުގެ ގޮތުން އެ ކުއްޖާ ކޮބައިތޯ އަހައި އޭނާ ގިނަ މެސެޖުތަކެއް ކޮށްފައިވާ ކަމަށްވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ. ހަށިގަނޑު ބައިބައިކޮށްފައިވަނީ ހޮލީވުޑް ހިލްސްގައި ހުންނަ އޭނާގެ ގޭގެ ގަރާޖުގަ އެވެ.

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އޭނާގެ ޓެސްލާ ކާރުގެ ކުރީބައިގެ ތެރެއިންނެވެ. ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި އެ ކާރު އެންމެ ފަހުން ދުއްވާފައިވަނީވެސް އޭނާ އެވެ.

މި ލަވަކިޔުންތެރިޔާ ހައްޔަރުކުރިއިރު އޭނާ ހުރީ ވޯލްޑް ޓުއާއެއްގަ އެވެ. މި ހާދިސާއާއެކު އޭނާގެ ހުރިހާ ޝޯތަކެއް ކެންސަލްކޮށް، އޭނާ ވަނީ އާންމުންނާއި ސޯޝަލް މީޑިއާއާ ދުރުވެފަ އެވެ.

ލޮސް އެންޖެލިސްގެ ޕްރޮސެކިއުޓަރުން ވަނީ އޭނާގެ މައްޗަށް މީހަކު މެރުމާއި، ކުޑަކުއްޖަކަށް މެދުނުކެނޑި ޖިންސީ ގޯނާކުރުމާއި، ބަދުއަހުލާގީ އަމަލު ހިންގުން ފަދަ ހަތް ދައުވާއެއް އުފުލާފަ އެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

އޭނާ އެ އަންހެން ކުއްޖާ މަރާލިކަމަށް ބެލެވޭ ދުވަސްވަރު ޔޫޓިއުބުގައި އާއްމުކުރި 'ރޮމާންޓިކް ހޯމިސައިޑް' ލަވައަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ލަވައެކެވެ. މި މައްސަލައިގެ ޝަރީއަތްތައް ފެށުމާއެކު އަލުން މި ލަވަ މީހުންގެ ސަމާލުކަމަށް އައިސްފައިވަނީ ޑޭވިޑް އެ ލަވައިގައި ދައްކަނީ ލޯބިވެރިއަކު މަރާލި ވާހަކަ ކަމަށް ވުމުންނެވެ.

https://youtu.be/eKL3TceSxvk?si=36BBC-MeaOfhFLvu

ގިނަ ބަޔަކު ބުނަމުންދަނީ އޭނާ އެ ލަވައިގައި ދައްކަނީ އެ ހާދިސާގެ ވާހަކަ ކަމަށެވެ. އެ ލަވައިގެ ލިރިކްސްވެސް ލިޔެފައިވަނީ ޑޭވިޑް އެވެ.