ރާއްޖޭގެ ފައިނޭންޝަލް ސެކްޓާއަށް ހާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަހަރުގެ ޖުލައިގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔަ އެވެ. 2015 އަދި 2017ގެ މި އެކްސްޕޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ހިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރުމަށް ރާވާފައިވާކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ.