ބޮލީވުޑްގެ ރަސްކަން ކުރަމުން އަންނަނީ ތިން ޚާނުން ކަމަށްވާ ޝާހުރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އެހެން ނަމަވެސް، ފިލްމީ ދާއިރާގެ ހިސާބުތަކަށް ބަލާއިރު، ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ މުޅިން ތަފާތު "ޚާން" އެކެވެ. އެއީ މީގެ ހަތަރު އަހަރު ކުރިން މަރުވި ހުނަރުވެރި އެކްޓަރު އިރްފާން ޚާން އެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރްފާން ޚާން ކުޅެފައިވާ ފިލްމުތަކަށް މުޅި ދުނިޔެއިން ވަނީ ޖުމްލަ 22,000 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 3.6 ބިލިއަން ޑޮލަރު) އަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ ޝާހުރުކް، ސަލްމާން އަދި އާމިރު ޚާންގެ ފިލްމުތަކަށް ލިބުނު ޖުމްލަ އާމްދަނީއަށްވުރެ ވެސް އިތުރު އަދަދެކެވެ.
އިރްފާންގެ މި ބޮޑު ކާމިޔާބީގެ ސިއްރަކީ އޭނާ ހޮލީވުޑްގައި ކުޅެފައިވާ ބޮޑެތި ފިލްމުތަކެވެ. އެގޮތުން "ޖުރާސިކް ވޯލްޑް"އަށް 1.6 ބިލިއަން ޑޮލަރު ލިބުނުއިރު "ދަ އެމޭޒިން ސްޕައިޑަމޭން" 757 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ. އެއާއެކު "ލައިފް އޮފް ޕައި"އަށް ވެސް 609 މިލިއަން ޑޮލަރު ލިބުނެވެ.
ބޮލީވުޑްގެ ތިން ޚާނުންނަކީ ފިލްމުގެ ލީޑް ރޯލު ނުވަތަ މައިގަނޑު ބަތަލުގެ ގޮތުގައި ފެންނަ ތަރިންނެވެ. ނަމަވެސް އިރްފާން ޚާންގެ ކާމިޔާބީއަކީ އޭނާގެ ހުނަރުވެރިކަމުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި ކާމިޔާބީ އެކެވެ.
އޭނާއަކީ ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ފުރުސަތު ހޯދައި، އިންޑިއާގެ އެކްޓަރަކު ދުނިޔޭގެ ބޮކްސް އޮފީހުގައި ހޯދި އެންމެ ބޮޑު އާމްދަނީގެ ރެކޯޑު އޮތް ފަންނާނެވެ.
އިރްފާންގެ ފިލްމުތަކުން ކިތަންމެ ބޮޑު އާމްދަނީއެއް ހޯދި ނަމަވެސް، އޭނާ މަޝްހޫރުވެފައިވަނީ "ތަރިއެއް"ގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަކީ ކޮންމެ ރޯލަކަށްވެސް ފުރިހަމައަށް އިންސާފުކޮށްދޭ، ދުނިޔެ ބަލައިގަތް މޮޅު "އެކްޓަރެއް"ގެ ގޮތުގައެވެ.
މިރެޔާ ހަމައަށް އީރާނުގެ ޖަވާބެއް ލިބޭނެކަމަށް ބެލެވޭ: ޓްރަމްޕް
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!