މަޝްހޫރު ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ދެވަނަ ބައި ސިނަމާތަކަށް އައިސް ބޮޑު ކާމިޔާބީއެއް ހޯދަމުންދާއިރު މި ފްރެންޗައިޒްގެ ތިންވަނަ ފިލްމެއްގެ ފުރުސަތު އޮތްކަމުގެ އިޝާރާތެއް ޑައިރެކްޓަރު ޑޭވިޑް ފްރެންކަލް ދީފި އެވެ.

ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެވަނަ ބަޔަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، ތިންވަނަ ބައެއްގެ މަސައްކަތް ފެށުމާ މެދު ސުވާލުކުރުމުން ޑައިރެކްޓަރު ވަނީ އެކަމަށް ވަރަށް އުންމީދީ ޖަވާބެއް ދީފަ އެވެ.

ޑޭވިޑް ބުނިގޮތުގައި، ފުރަތަމަ ފިލްމަށްފަހު ދެވަނަ ބައެއް އުފެއްދުމަށް 20 އަހަރު ނެގި ނަމަވެސް، މިހާރު މި އޮތް ތަރުހީބަށް ބަލާއިރު އިތުރު ބައެއް އުފެއްދުމަކީ އޭނާ ވަރަށް ކުރަން ބޭނުންވާ ކަމެކެވެ.

"އަހަރެން އެކަމަށް މަރުހަބާ ކިޔާނަން،" އޭނާ ބުނެފައިވެ އެވެ.

ފިލްމުގެ މައިގަނޑު ތަރިން ކަމަށްވާ މެރީލް ސްޓްރީޕް، އެން ހެތަވޭ އަދި އެމިލީ ބްލަންޓް ވެސް ވަނީ ތިންވަނަ ބައެއްގެ މަސައްކަތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އެމީހުންގެ ދެ ޝަރުތެއް އެބަ އޮތެވެ.

އެއީ ފުރަތަމަ ދެ ބަޔާ އެއްވަރުގެ ނުވަތަ އެއަށްވުރެ މޮޅު ވާހަކައެއް އޮތުމާއި ފުރަތަމަ ދެ ފިލްމުގައި ވެސް ފެނުނު މައިގަނޑު ހަތަރު ތަރިން (ސްޓްރީޕް، ހެތުވޭ، ބްލަންޓް އަދި ސްޓޭންލީ ޓޫޗީ) އެކުގައި ބައިވެރިވުމެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުންދާ "ދަ ޑެވިލް ވެއާސް ޕްރާޑާ 2" އަށް ވަނީ ފުރަތަމަ ހަފުތާ ބަންދުގައި އެކަނިވެސް ދުނިޔޭގެ ބޮކްސް އޮފީހުގައި 233 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ލިބިފަ އެވެ.

މިއީ 2026 ވަނަ އަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ.

ވާހަކަ ކުރިއަށްދާ ގޮތް ދެވަނަ ބައިގައި ފެނިގެންދަނީ 20 އަހަރަށްފަހު މީޑިއާގެ ދާއިރާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކު، މީގެ ކުރިން ބާރުގަދަކޮށް އޮތް "ރަންވޭ" މެގަޒިންއާއި އޭގެ އެޑިޓަރު މިރަންޑާ ޕްރީސްޓްލީ އަމިއްލަ ނަފްސު ދިފާއުކުރަން ކުރާ މަސައްކަތެވެ.

މި ފިލްމުގެ ފޭނުން މިހާރު ތިބީ ޑައިރެކްޓަރުގެ މި ކުއްލި އިޝާރާތާއެކު، ތިންވަނަ ބައެއް އިއުލާންކުރާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އާ ޓެކްނޮލޮޖީއާއި އޭއައިގެ ސަބަބުން ފެޝަން ދާއިރާއަށް އަންނަ ބަދަލުތައް ތިންވަނަ ބައެއްގައި ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެވެ އެވެ.