ދުނިޔޭގެ އެންމެ މަގުބޫލު އެކްޝަން ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ ފިލްމުތަކަށް ބިނާކޮށް ހަތަރު ޓީވީ ސީރީޒެއް އުފެއްދުމުގެ މަސައްކަތް ސްޓްރީމިން ޕްލެޓްފޯމް "ޕީކޮކް"އާއެކު ފަށައިފި އެވެ.

ނިއުޔޯކްގައި ބޭއްވި އެންބީސީ ޔުނިވާސަލްގެ އިވެންޓެއްގައި ވާހަކަދައްކަމުން އެ ފްރެންޗައިޒްގެ ތަރި ވިިން ޑީޒަލް ބުނީ، ފާއިތުވި 10 އަހަރު ތެރޭގައި ފޭނުން އެދެމުންދިޔައީ މި ފްރެންޗައިޒްގެ ތަފާތު ކެރެކްޓާތަކުގެ ވާހަކަތައް އިތުރަށް ބަލާލުމަށް ކަމަށެވެ. އެހެންކަމުން، ޓީވީ ސީރީޒްގެ ދާއިރާއަށް ވަނުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ވިން ބުނި ގޮތުގައި "ފާސްޓް ޔުނިވާސް" އަށް ނިސްބަތްވާ 4 ޝޯއެއް އަންނާނެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން މިވަގުތު އަމަލީ ގޮތުން މަސައްކަތް ފެށިފައިވަނީ އެންމެ ސީރީޒްއެއްގެ އެވެ.

މި ސީރީޒްތަކުގައި ފެނިގެންދާނީ ކޮން ކެރެކްޓާތަކެއް ކަމެއް ނުުވަތަ ފިލްމުގެ އޮރިޖިނަލް ތަރިން ފެންނާނެ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މި ސީރީޒްތަކުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވިން މަސައްކަތް ކުރާނެއެވެ.

މި ޓީވީ ސީރީޒްތަކުގެ ޚަބަރު މި އައީ، ފާސްޓް އެންޑް ފިއުރިއަސްގެ މައި ފިލްމު ސީރީޒްގެ އެންމެ ފަހު ފިލްމު "ފާސްޓް ފޯއެވާ" އަށް ފޭނުން އިންތިޒާރު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެ ފްރެންޗައިޒްގެ 11 ވަނަ ފިލްމުގެ ގޮތުގައި ނުކުންނަ މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ މާޗް 2028 ގަ އެވެ.

މި ފްރެންޗައިޒްގެ މަޝްހޫރުކަން ބޮޑުކަމުން، ސިނަމާއިން ފިލްމުތައް ނިމުނު ކަމުގައިވިޔަސް، ޓީވީ ސީރީޒްތަކުގެ ޒަރީއާއިން "ފާސްޓް ފެމިލީ" ގެ ވާހަކަތައް އަދި އެތައް އަހަރަކަށް ދެމިގެންދާނެކަން މިހާރު މިވަނީ ކަށަވަރުވެފަ އެވެ.