ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާ ފަންނާނުން ހޮލީވުޑުން ބްލެކްލިސްޓް ކުރަމުންދާ ކަމަށް ބުނެ، ކޭންސް ފިލްމު ފެސްޓިވަލްގެ ޖޫރީ މެންބަރު އަދި މަޝްހޫރު ސްކްރީން ރައިޓަރު ޕޯލް ލެވާޓީ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ކޭން ފިލްމު ފެސްޓިވަލްގެ ތެރެއިން ވާހަކަ ދައްކަމުން ޕޯލް ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބަސްބުނާ އެކްޓަރުންނާއި ފިލްމީ މަސައްކަތްތެރިންނަށް ފުރުސަތުތައް ބަންދުކޮށް، އެމީހުން ބްލެކްލިސްޓް ކުރުމަކީ ހޮލީވުޑުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށެވެ.
ވަކި ސިޔާސީ ފިކުރެއް ގެންގުޅޭތީ ނުވަތަ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާތީ ފަންނާނުންގެ ކެރިއަރު ދުއްވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
އެގޮތުން ފަންނާނުންނަށް އެމީހުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށާއި، ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކުމަކީ ކުށަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައިވެ އެވެ.
"ޣައްޒާގައި ކުޑަކުދިންނާއި އާންމުން މަރުވަމުންދާއިރު، އެކަމާ ދެކޮޅަށް ބަސްބުނާ މީހުންނަށް އަދަބު ދިނުމަކީ އިންސާފެއް ނޫން. މިއީ ހޮލީވުޑްގެ މޫނުމަތީގައި ޖެހުނު ކަޅު ލައްގަނޑެއް." - ޕޯލް ބުންޏެވެ.
މި ފަހަކަށް އައިސް ހޮލީވުޑްގެ ބައެއް މަޝްހޫރު ތަރިން ފަލަސްތީނަށް ސަޕޯޓްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމުން، ބައެއް ފިލްމުތަކުން ވަނީ ވަކިކޮށްފަ އެވެ.
އެގޮތުން ބްލެކްލިސްޓް ކުރެވުނު ތަރިންގެ ތެރޭގައި "ސްކްރީމް" ފިލްމު ސިލްސިލާގެ ތަރި މެލީސާ ބަރޭރާއާއި އޮސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ ސޫޒަން ސަރަންޑަން ހިމެެނެ އެވެ.
ކޭންސް ފެސްޓިވަލް ފަދަ ބޮޑު ޕްލެޓްފޯމެއްގައި މިފަދަ ވާހަކައެއް ދެއްކުމުން، މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ މިކަމަށް ހުއްޓިފަ އެވެ.
މޫސާ ލަތީފާއި ދައުރު ނޫހާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާކޮށްފި
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަނީ