ހިތުގެ ބަލިތަކަކީ އަހަރުމެންގެ މުޖުތަމައުގައި އެންމެ އާއްމު އަދި ފުރާނައަށް ނުރައްކާވާ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި އޮންނަނީ ވެފަ އެވެ.

އެހެން ނަމަވެސް ހިތުގެ ބަލިތަކުން ސަލާމަތްވެ ހަށިގަނޑުގެ ހަކަތަ އިތުރުކުރުމަށްޓަކައި ހެނދުނު ހޭލުމަށްފަހު ދުވަސް ފަށާއިރު ގެންގުޅޭ އާދަތައް ބޮޑު ދައުރެއް އަދާކުރެ އެވެ.

ހެނދުނުގެ ކޮފީ ބުއިން ލަސްކޮށްލުން

ގިނަ މީހުން ހޭލާ ގޮތަށް އެންމެ ފުރަތަމަވެސް ބޮނީ ކޮފީ އެކެވެ. ނަމަވެސް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހޭލުމަށްފަހު މަދުވެގެން 90 މިނެޓު ފަހުން ނޫނީ ކޮފީ ބުއިން ރަނގަޅެއް ނޫނެވެ. ސަބަބަކީ ހޭލާ ވަގުތު ހަށިގަނޑުގައި ހުންނަ "ކޯޓިސޯލް" ނުވަތަ ސްޓްރެސް ހޯމޯންގެ މިންވަރު މަތިވުމެވެ. ހޭލާ ގޮތަށް ކޮފީ ބުއިމުން މި ހޯމޯންއަށް ބުރޫއަރައި، ހިތުގެ ވިންދަށާއި ލޭގެ ޕްރެޝަރަށް ނޭދެވޭ އަސަރު ކުރެ އެވެ.

ގިނައިން ފެން ބުއިން

ނިދާފައި ހޭލާއިރު ހަށިގަނޑު ހުންނާނީ ވަރަށް ބޮޑަށް ފެނަށް ބޭނުންވެފަ އެވެ. އެހެންކަމުން، އެއްވެސް އެއްޗެއް ކެއުމުގެ ކުރިން ބޮޑު ތަށްޓެއްގެ ފެން ބުއިމަކީ ލޭގެ ދައުރުވުން ރަނގަޅުކޮށްދީ، ހިތަށް ކުރާ ބާރު ކުޑަކޮށްދޭނެ ކަމެކެވެ.

އިރުގެ އަލި ހޯދުން

ހެނދުނު ހޭލައިގެން ބޭރަށް ނުކުމެ، އިރުގެ އަލި ހަށިގަނޑަށް ލިބުމަކީ ނިދުމުގެ ސައިކަލް ރަނގަޅުކޮށްދޭ ކަމެކެވެ. މިއީ ހިތުގެ ދުޅަހެޔޮކަމާ ސީދާ ގުޅުންހުރި ކަމެކެވެ.

ހަށިގަނޑު "ދެމިލާ" ކަސްރަތު ކުރުން

ހޭލާ ގޮތަށް މަޑުމަޑުން ހަށިގަނޑު ދަމާލައި، ގުދުވެލައި ހެދުމަކީ ނާރުތަކާއި ލޭހިނގާ ހޮޅިތަކުގެ މަސައްކަތް ފަސޭހަކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ހިތަށް ލޭ ފޮނުވައިދިނުމަށް ކުރަންޖެހޭ މަސައްކަތް ލުއިވެގެންދެ އެވެ.

ޕްރޮޓީން ހިމެނޭ ހެނދުނުގެ ނާސްތާ

ހަކުރު ގިނަ ތަކެތީގެ ބަދަލުގައި، ޕްރޮޓީން ގިނަ ކާނާ ހެނދުނުގެ ނާސްތާގައި ބޭނުންކުރުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދޭ ކަމެކެވެ. މިއީ ދިގު މުއްދަތުގައި ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.