އަދަދު ނޫހުގެ ދެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި، ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ޝަމްއޫން ޖަލީލް (ލޫކަސް) އާއި އިތުރު ދެ މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ މުޒާހަރާއިން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އޭގެތެރެއިން ތިން މީހަކު ފިޔަވައި އެހެން އެންމެން ވަނީ ދޫކޮށްލާފަ އެވެ.

އެ ތިން މީހުންގެ ތެރެއިން ލޫކަސްގެ ބަންދަށް ޖެހީ 10 ދުވަހެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކުގެ ބަންދަށް ފަސް ދުވަސް އަދި އަނެކަކުގެ ބަންދަށް ތިން ދުވަސް ވަނީ ޖަހާފަ އެވެ.

އެ އެންމެން ދޫކޮށްލުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދަދު ނޫހުގެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މިރޭ ވެސް މުޒާހަރާކުރަން ވަނީ ނިންމާފަ އެވެ.