ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން ކާރަށް އަރާވަޑައިގަންވަނިކޮށް އެއްޗެއް ގޮއްވާލައިފި އެވެ.
އެއްޗެއް ގޮއްވާލުމުން އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފަ އެވެ.
މި ހަމަލާއަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް ސަލާމަތީ ބާރުތަކުން އަދި ނުބުނެ އެވެ. ނަމަވެސް މި ހަމަލާއާ ގުޅިގެން ފުލުހުން ބުނީ މި ހަމަލާގައި ނަޝީދު ޒަހަމްވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގޮއްވާލި ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނިގޮތުގައި އެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލިއިރު ބާރުގަދަ އަޑެއް އިވުނު ކަމަށެވެ. ނަމަވެސް އޭރު އެއީ އެފަދަ ނުރައްކާތެރި ހަމަލައެއް ކަމަށް ނޭނގޭ ކަމަށް ވެސް ބުންޏެވެ.
މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ދިޔަ ބައެއް މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފްގެ ބޮމް ސްކޮޑް ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިރޭގެ ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓުވިޓާގައި ވިދާޅުވީ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާ އަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގުކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވެސް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް މިރޭ ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
"މި މައްސަލަ މިހާރު ދަނީ ދިވެހި ފުލުހުންނާއި، ސިފައިން ތަހުގީގު ކުރަމުން. އަދި، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ،" މަބްރޫކް ވިދާޅުވި އެވެ.