ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 703 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 526 މީހުން ޕޮޒިޓިވްވިއިރު، 167 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން ހަތް މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 703 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 33،368 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 7،607 ގައި މިހާރު ހުރިއިރު 25،675 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 203 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 77 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.