ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އެލާޓް ލެވެލް މަތިކޮށްފި އެވެ.

ލޯމްޑިވްސް ޕޮލިސް ސާވިސް އިންކުރި ޓުވީޓެއްގައިވާ ގޮތުގައި އެ ފުލުހުންގެ ޚިދުމަތުގެ ލެވެލް "އެލާޓް ލެވެލް 3 އަށް" ވަނީ މަތިކޮށްފަ އެވެ.

މި ހާދިސާއަށްފަހު ގައުމީ ދިފާއީ ބާރުގެ އެލާޓް ލެވެލް ވެސް ވަނީ މަތިކޮށްފަ އެވެ.

އެމްއެންޑީއެފްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އަންނަނީ ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިމައްސަލަ ދިވެހި ފުލުހުންނާ ސިފައިން ތަހުގީގު ކުރަމުންދާ ކަމަށާއި މިޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޙަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ފެށިގެން ކުރިއަށް އެބަދެއެވެ.

މި ފިނޑި ޓެރަރިސްޓް ޙަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރި ކުރާ ކަމަށް ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.

އެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ މަލްޓި ސްޕެޝަލިޓީ ޓީމަކުން މިހާރު ގެންދަވަނީ ފަރުވާ ދެމުން ކަމަށާއި އެމަނިކުފާނުގެ ސިއްޙީ ޙާލަތާ ގުޅޭގޮތުން ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތު ހާމަކުރައްވާ މިންވަރަކުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާ ހިއްސާ ކުރާނެ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާ މެދު ކަނޑާލި ކަމުގައިވިޔަސް ޖަލްސާ ނިންމަވާ ނުލައްވާ ކަމަށް އީވާ ވިދާޅުވި އެވެ.

މި ހަމަލާއާ ގުޅިގެން އެކި ފަރާތްތަކުންދަނީ މި ހަމަލާ ކުށްވެރި ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެއާއި ބޭރު ގައުމުތަކުގެ އެކި ފަރާތްތައް ހިމެނެ އެވެ.