ކުރިއަށް އޮތް ބޮޑު އީދު ބަންދަށް ގިނަ ބަޔަކު ދަތުރުތައް ފަށާފައިވާ މި ދަނޑިވަޅުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ އަސަރު ގަދަވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަކޮށްފަ އެވެ. ވަކިން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ބޮޑު ގިނައިން ވާރޭ ވެހުނީ އއ. ތޮއްޑޫއަށެވެ. އެ ރަށަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މިރެ އާއި މާދަމާ ވެސް ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް މިއަދު ދެ ފަހަރެއްގެ މަތިން މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން އީދު ބަންދަށް ސަރުކާރު އެއްކޮށް ބަންދުވާތީ، މިއަދަކީ ގިނަ ބަޔަކު ފުރައިގެން ރަށްރަށަށް ދާ ދުވަހެކެވެ. އެހެންކަމުން، ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި މަހުގެ 8 ވަނަ ދުވަހު ފެށިފައިވާއިރު، އާންމުކޮށް މެއި މަހު ފެށޭ މި މޫސުން މުޅި ރާއްޖެއަށް ފެތުރިގެން ދަނީ މެއި މަސް ނިމުމުގެ ކުރިންނެވެ. ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ހުޅަނގު މޫސުމުގެ އަސަރު ފެންނަން ފެށީ ކުޑަދުވަސްކޮޅެއް ލަސްކޮށެވެ. އާންމު ގޮތެއްގައި ހުޅަނގު މޫސުން ފެށޭ ދުވަސްވަރު މުޅި ރާއްޖެއަށް ވައިގަދަވެ ކަނޑުތައް ގަދަވެއެވެ.
ލަންކާއަށް ދަތުރުކުރާ ދިވެހީން އީޓީއޭ ފުރަންޖެހޭ ގޮތް ހަދައިފި
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"
މަހުދީގެ މަރު: ޑިފެންސް މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި