ރާއްޖޭގައި ފީނަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަތުރުވެރިންނަށް ހޮހަޅައިގެ ތެރެއިން ނުބައި މަގަކުން ދެވުމުގެ ސަބަބުން، ކޮޅުބެދިފައިވާ ހަނި ގޯޅިއެއްގެ ތެރޭގައި ތާށިވެގެން ނިޔާވީ ކަމަށް ބެލެވޭ ކަމަށް، އެމީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރި ކުންފުނީގެ ވެރިޔާ ބުރާސްފަތި ދުވަހު އޭއެފްޕީ ނޫސް އޭޖެންސީއަށް މައުލޫމާތު ދީފި އެވެ.
"ޑޭން ޔޫރަޕް" ކުންފުނީގައި މަސައްކަތްކުރާ ފިންލޭންޑްގެ ޑައިވަރުންނަށް މި ހަށިތައް ފެނިފައިވަނީ، ކަނޑުގެ 50 މީޓަރު (165 ފޫޓު) އަޑީގައިވާ ހޮހަޅަ ކޮމްޕްލެކްސްގެ ތެރޭގައި އޮތް، ކޮޅުބެދިފައިވާ ގޯޅިއެއްގެ ތެރެއިންނެވެ.
އެ ކުންފުނީގެ ސީ.އީ.އޯ ލައުރާ މަރޯނީ ވިދާޅުވި ގޮތުގައި، ހަށިތައް ފެނުނީ ހޮހަޅައިގެ އެއް ސަރަހައްދަކުން އެކުއެކީގަ އެވެ. ހޮހަޅަ އުފެދިފައިވާ ގޮތަށް ބަލާއިރު، އެމީހުންނަށް މަގުއޮޅުނީ ކަމަށް ބޮޑަށް ބެލެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މަރުވި އިޓަލީގެ ޑައިވަރުންގެ ތެރޭގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިވާ މެރިން ބަޔޮލޮޖީ ޕްރޮފެސަރަކާއި، އޭނާގެ ދަރިފުޅުގެ އިތުރުން ދެ ދިރާސާވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ގައިޑަކު ހިމެނެ އެވެ.
މި މީހުން ފީނަން ގޮސް އެނބުރި ނައުމުގެ ސަބަބުން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސަތޭކަ އެތައް މީޓަރަކަށް ދެމިގެން ގޮސްފައިވާ މި ހޮހަޅަ އަކީ ގިނަ އަދަދެއްގެ ޗެމްބަރުތަކާއި ހަނި މަގުތަކެއް ހިމެނޭ ތަނެކެވެ. މި ތަނަށް ވަދެވެން ފަށާ ހިސާބުގައި އޮންނަނީ ދޮންވެލިގަނޑެއްގެ މައްޗަށް ހުޅުވިފައިވާ އަލިގަދަ ބޮޑު ހޮހަޅައެކެވެ.
ދިވެހި ސިފައިން ކުރިއަށް ގެންދިޔަ ހޯދުމުގެ އޮޕަރޭޝަނުގައި، ގައިޑުގެ ހަށިގަނޑު ފެނިފައިވަނީ މި ބޮޑު ހޮހަޅައިގެ ތެރެއިންނެވެ.
މި ހޮހަޅައިގެ ނިމޭ ހިސާބުން، ގާތްގަނޑަކަށް 30 މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ކޮރިޑޯއަކުން ދެވަނަ ހޮހަޅައަކަށް ވަދެވެއެވެ.
މަރޯނީ ވިދާޅުވި ގޮތުގައި، މި ކޮރިޑޯ ނިމޭ ހިސާބުގައި އޮންނަ ވެލިގަނޑަކީ ފަސޭހައިން ހުރަސްކުރެވޭ ތަނެއް ނަމަވެސް، އެނބުރި ނުކުންނަން އުޅޭއިރު އޭގެ ސަބަބުން ފެނުން ފުސްވެ، ދުރު ފެންނަ މިންވަރު ކުޑަވެދާނެ އެވެ.
"ނުކުންނަން އޮތް މަގު ނުފެނިގެން، ޑައިވަރުންނަށް ވަދެވުނީ ނުކުންނަން އޮތް މަގުގެ ވާތްފަރާތަށް އޮތް ގޯޅިއަކަށް. އެއީ ކޮޅުބެދިފައި އޮތް ގޯޅިއެއް،" އޭނާ ވިދާޅުވި އެވެ.
އެހެން ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ އެ ކޮޅުބެދިފައިވާ ގޯޅީގެ ތެރެއިންނެވެ.
"ވައި މަދުވުން"
މަރޯނީ އިތުރަށް ވިދާޅުވި ގޮތުގައި، އެމީހުންގެ އަތުގައި ހުރި ވައިގެ މިންވަރު ވަރަށް މަދުވުމާއެކު، އެ ފުންމިނުގައި މަޑުކުރެވޭނީ މަދު މިނެޓުކޮޅަކަށް ކަމަށްވާތީ، ނުކުންނާނެ މަގު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ވަގުތު އެމީހުންނަށް ނުލިބޭނެ އެވެ.
މި ހަށިތައް ނެގުމަށް އެމްއެންޑީއެފް އިން ކުރި މަސައްކަތް ހުއްޓާލީ، މިދިޔަ ހޮނިހިރު ދުވަހު ސިފައިންގެ ޑައިވަރަކު ނިޔާވުމާ ގުޅިގެންނެވެ. އޭގެ ފަހުން މި މަސައްކަތަށް ގެނައީ ފިންލޭންޑްގެ ޓީމެވެ.
މި ޓީމުގައި ހިމެނެނީ ތިން ޑައިވަރުންނެވެ. އޭގެ ތެރޭގައި ހަށިތައް ނެގުމަށް ހާއްސަ ޑައިވަރަކާއި، ސަލާމަތީ ކަންކަން ބަލަހައްޓާ ޑައިވަރެއްގެ އިތުރުން، މުޅި އޮޕަރޭޝަން ޑޮކިއުމަންޓް ކުރާ ޑައިވަރަކު ހިމެނެ އެވެ.
"މި ޑައިވަރުންނަކީ ވަރަށް މަތީ ފެންވަރަށް ތަމްރީނު ލިބިފައިވާ ބައެއް. އަދި އެ ހޮހަޅައަކީ އެއްވެސް މީހަކަށް މާ ބޮޑަށް އެނގޭ ތަނަކަށް ނުވާތީ، އެމީހުން ވަރަށް ބޮޑަށް ސަލާމަތީ ކަންކަމަށް އިސްކަންދީގެން ޕްލޭންތައް އެކުލަވާލި،" މަރޯނީ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ އޮޕަރޭޝަންތަކަކީ ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުންނަ، ނަމަވެސް ނިޔާވި މީހުންގެ އާއިލާތަކަށް އެމީހުންގެ ހަށިތައް ހަވާލުކުރުމުގެ ބޮޑު ޒިންމާއެއް އެކުލެވޭ މަސައްކަތެކެވެ.
މި ޓީމުން ހަށިތައް ނަގާފައިވަނީ މިދިޔަ އަންގާރަ އަދި ބުދަ ދުވަހު އެވެ.
ހިޔާ ރޯދީގައި އަލިފާން ރޯކޮށްލި މީހާ ފިލައިފި
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"